ސްރީލަންކާއިން ދިވެހީންނަށް ތިން މަސްދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެގްރީމަންޓެއްގައި ސޮއި ކުރުމަށް ނިންމައިފި އެވެ.
ސްރީ ލަންކާގެ 'ދަ ސަންޑޭ ޓައިމްސް' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމަކީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މި ހަފުތާގައި، ރާއްޖެއަށް ކުރެއްވުމަށް ހަމަޖައްސަވާފައިވާ ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރައްވާ އެއްބަސްވުމެކެވެ.
އެ ނޫހުގައި ވާގޮތުން މި އެއްބަސްވުމުގެ ދަށުން ރާއްޖޭން ލަންކާއަށް ދަތުރު ކުރާ ދިވެހިން، އަދި ލަންކާއިން ރާއްޖެއަށް ދަތުރު ކުރާ ލަންކާ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ 90 ދުވަހުގެ މުއްދަތަކަށް ލިބޭނެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ކިޔަވާ ލަންކާ ދަރިވަރުންނަށް، އަދި ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް މި އެއްބަސް ވުމުގެ ދަށުން ''މަލްޓިޕަލް-އެންޓްރީ ސްޓޫޑަންޓް ވިސާ'' ލިބޭގޮތް ހަމަޖެހިގެން ދާނެ ކަމަށް ސަންޑޭ ޓައިމްސް ނޫހުގައި ބުނެފައި ވެއެވެ.
މިހާރު ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން އޮން އެރައިވަލް ވިސާ ލިބެނީ އެއް މަހަށެވެ. އަދި ވިސާގެ މުއްދަތު 90 ދުވަހަށް އިތުރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން ކުރެވެނީ އިމިގްރޭޝަނަށް ހުށަހަޅައިގެންނެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖައްސާފައި ވަނީ މާދަމައިން ފެށިގެން މިމަހު ހަތަރެއްގެ ނިޔަލަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަނިލް ކުރައްވާ މި ދަތުރުފުޅުގައި، މިމަހު ތިނަކުން ހަތަރަކަށް ރާއްޖޭގައި ބާއްވާ "އިންޑިއަން އޯޝަން ކޮންފަރެންސް 2019" ޗެއާ ކުރައްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.