ޓްރާންސްފާ މާކެޓް

ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓައަށް

އަލީ ރިފްޝާން

މެންޗެސްޓާ ޔުނައިޓެޑްގެ ޗިލީ ވިންގާ އެލެކްސިސް ސަންޗޭޒް، ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނާ ގުޅިއްޖެއެވެ.

ސަންޗޭޒަށް ޔުނައިޓެޑުގައި އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާ އިރު، އޭނާއަށް ޓީމުން ގިނަ ފުރުސަތުތަކެއް ވެސް ލިބިފައެއް ނުވެއެވެ. ޔުނައިޓެޑުގައި ސަންޗޭޒް ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ތިން ލަނޑެވެ.

ޔުނައިޓެޑާ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަންޗޭޒް ގުޅުނީ ސްވެޕް ޑީލެއްގެ ދަށުންނެވެ. އާސެނަލުން ޔުނައިޓެޑަށް ސަންޗޭޒް ދޫކޮށްލި އިރު، ޔުނައިޓެޑުން ވަނީ އާސެނަލަށް ހެންރިކް މިކިތާރިޔަން ދޫކޮށްލައިފައެވެ.

ޔުނައިޓެޑުގެ ޓީމުން ސަންޗޭޒަށް ޖާގަ ގެއްލެމުންދިޔައީ އޭނާ ކުރިމަތިލާން ޖެހުނު އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. ޔުނައިޓެޑުން ލޯނުގެ ދަށުން އިންޓައަށް ސަންޗޭޒް ދޫކޮށްލި ނަމަވެސް، ޔުނައިޓެޑުގެ ފޯވަޑް ލައިނުގައި ގިނަ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން މިހާރު ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ޓީމުން އާންމުކޮށް ޖާގަ ދެމުން އަންނަ މާކަސް ރަޝްފާޑާއި އެންތޮނީ މާޝިއަލް އަދި ޑެނިއެލް ޖޭމްސް ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ޔުނައިޓެޑުން ވަނީ އިންޓައަށް ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ވެސް ދޫކޮށްލައިފައެވެ. ނަމަވެސް އިންޓައާ ލުކާކޫ ގުޅުނީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުންނެވެ.