ސްރީލަންކާ

ރާޖަޕަކްސައަކީ ބޮޑުވަޒީރު ގޮތުގައި ބަލައެއް ނުގަންނަން: މަޖިލީހުގެ ރައީސް

މަޖިލީހުގެ މެޖޯރިޓީ ވޯޓު ލިބެންދެން މަހިންދަ ރާޖަޕަކްސާ އަކީ އެގައުމުގެ ބޮޑުވަޒީރު ކަމުގައި ބަލައިނުގަންނަ ކަމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު 26 ގައި ލަންކާގެ ރައީސް ވަނީ އެގައުމުގައި އޭރު ހުންނެވި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ވަކިކޮށް ރާޖަޕަކްސައާ މަގާމު ހަވާލުކޮށްފައެވެ. ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި ކަރޫ ޖަޔަސޫރިޔާ ވިދާޅުވިގޮތުގައި ރާޖަޕަކްސާއަށް މަގާމު ހަވާލުކޮށްފައިވަނީ ކަން ކުރަންޖެހޭ އުސޫލުން ނޫން ކަމަށެވެ. އަދި އެއީ ގާނޫނާވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ކަރޫ ޖަޔަސޫރިޔާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީގެ ނިންމުމާ އެއްގޮތަށް ރަނިލް އަކީ އަދިވެސް އެ ގައުމުގެ ބޮޑުވަޒީރު ކަމުގައި ބަލައިގަންނަ ކަމަށެވެ. އަދި ރާޖްޕަކްސާ އަކީ ބޮޑު ވަޒީރު ކަމުގައި ބަލައި ގަނެވޭނީ މަޖިލީހުގެ މެޖޯރިޓީ އިން އެގޮތަށް ފާސްކުރުމުން ކަމަށެވެ.

ކަރޫ ޖަޔަސޫރިޔާ ނެރުއްވާފައި މިވާ ބަޔާން ލަންކާގެ ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. ލަންކާގެ ފޮރިން މިނިސްޓަރު ސަރަތު މިއަދު ވިދާޅުވި ގޮތުގައި ކަރޫ ޖަޔަސޫރިޔާ ނެރުއްވާފައިވަނީ އެއްކޮޅަށް ބުރަވެފައިވާ ބަޔާނެއް ކަމަށެވެ. ގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަންޖެހޭ މީހަކީ މަޖިލީހުގެ ރައީސް ނިންމަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ސަރަތު ވިދާޅުވިއެވެ. ސަރަތު އިތުރަށް ވިދާޅުވި ގޮތުގައި ރާޖަޕަކްސާ މަގާމަށް އައްޔަންކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ލަންކާގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ތިލަންގާ ވިދާޅުވި ގޮތުގައި ކަރޫ ޖަޔަސޫރިޔާ ނެރުއްވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނެރެވެންޖެހޭނެ ބަޔާނެއް ނޫން ކަމަށެވެ. އެ ބަޔާން އަނބުރާ ގެންދިއުމަށް ވެސް ތިލަންގާ ވަނީ އެދިވަޑައިގެންފައެވެ.