އަބްދުﷲ ފާރޫގް ހަސަން
މިފުރޭފު ނުވަތަ މުއާހަދާއަކީ މުޙައްމަދު (ސައްލަﷲ އަލައިހި ވަސައްލަމަ) ގެ ފަރާތްޕުޅުން - އެކަލޭގެފާނަކީ ނަބީބޭކަލެކެވެ - ޤުރައިޝުންނާއި ޔަޘްރިބުގެ އަހްލުވެރީންގެ ތެރެއިންވާ މުއުމިނުންނާއި މުސްލިމުންނާއި އެ މީހުންނަށް ތަބާވެގެންވާ މީހުނާއި އެމީހުނާ ބައިވެރިވެ އެމީހުނާއެކު ހަނގުރާމައިގައި ބައިވެރިވާ މީހުންގެ މެދުގައިވާ މުއާހަދާއެކެވެ.
1. މިހުރިހާ މުސްލިމުންނަކީ އެހެންމީހުންގެ މުގާބިލުގައި އެއް އުންމަތެކެވެ. (ސިޔާސީ ވަހްދަތެކެވެ.)
2. ޤުރައިޝުންގެ މުހާޖިރުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަ ދޭނެތެވެ. އީމާންކަމުގެ އަހްލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
3. ބަނީޢައުފުގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
4. ބަނޫ ޙރިޘު ބިން ޚަޒުރަޖު ގެމީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
5. ނޫ ސާއިދާގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
6. ބަނޫ ޖުޝަމްގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
7. ބަނުއްނައްޖާރުގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
8. ބަނޫ ޢަމްރު ބިން ޢައުފުގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
9. ބަނޫނަބީތު (އައުސު) ގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
10. ބަނޫ އައުސުގެ މީހުން އެމީހުންގެ އަންދުވަހު އާދައިގެ މަތީން މަރުގެދިޔަ އަދާކުރާނެތެވެ. އަދި އެއުރެންގެ އަސީރުންގެ ފިދުޔަދޭނެތެވެ. އީމާންކަމުގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާ ހެޔޮކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވުމަށްޓަކައެވެ.
(2ވަނަ މާއްދާއިން ފެށިގެން 10 ވަނަ މާއްދާގެ ނިޔަލަށް ހުރިހާ މާއްދާތަކެއްގައިވަނީ އެއްއިބާރާތްތަކެކެވެ. ބަދަލުވެފައިވަނީ ޤަބީލާ ނުވަތަ ވަންހައިގެ ނަމެވެ.)
11. އީމާންކަމުގެ އަހުލުވެރީން އެމީހުންކުރެ ފަޤީރަކަށް ނުވަތަ ދަރަނީގެ ބުރަ ތަހައްމަލުކުރާންޖެހިފައިވާ މީހަކަށް އެހީވާކަށެއްފަހެއްނުޖެހޭނެތެވެ. އެމީހަކު އަދާކުރާންޖެހޭ ފިދުޔަ ނުވަތަ މަރުގެދިޔަ ފުރިހަމަޔަށް އަދާކުރަން އެހީތެރިވުމުގެ ގޮތުންނެވެ.
12. އެއްވެސް މުއުމިނަކު އަނެއް މުއުމިނެއްގެ ހުއްދަޔާނުލައި އޭނާގެ މަވާލީއަކާ (އޭނާ މުއާހަދާކޮށްފައިވާ އަޚަކާ) މުއާހަދާ އެއް ނުކުރާނެތެވެ.
13. ތަޤްވާވެރި މުއުމިނުން ތިބޭނީ ނުކިޔަމަންތެރިވެއްޖެ ނުވަތަ އަނިޔާވެރިވެއްޖެ ނުވަތަ ފާފަވެރިވެއްޖެ ނުވަތަ ހައްދުފަހަނަޅައި ގޮސް އީމާންކަމުގެ އަހްލުވެރީންގެމެދުގައި ފަސާދަ އުފައްދައިފި ކޮންމެ މީހަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެއްބައިވެ އެކަތިގަނޑަކަށްވެގެންނެވެ. ތައްޔާރުވެގެންނެވެ. އެފަދަމީހުނާ ދެކޮޅަށް މުއުމިނުންގެ އަތްތައް އުފުލޭނީ އެކީ އެއްފަހަރާއެވެ. ބުނެވިދިޔަފަދަކަމަކަށް އަރައިގަތީ އޭގެތެރެއިން މީހެއްގެ އުފަން ދަރިޔަކު ކަމުގައި ވިޔަސްވެހެވެ.
14. އީމާންކަމުގެ އަހްލުވެރީން ކުރެ އެކަކުވެސް ކާފަރެއްގެ ބަދަލުގައި އީމާންކަމުގެ އަހްލުވެރިޔަކު ގަތުލެއް ނުކުރާނެތެވެ. ހަމަ އެފަދައިން އީމާންކަމުގެ އަހްލުވެރިޔަކާ ދެކޮޅަށް ކާފިރަކަށް އެހީތެރިއެއް ނުވާނެތެވެ.
15. އަރަހުށި މާތްﷲގެ އަހްދާއި ޒިންމާ އަކީ އެކައްޗެކެވެ. އީމާންކަމުގެ އަހްލުވެރީންކުރެ ކިތަންމެ އާދައިގެ މީހަކަށްވެސް، މީހަކަށް ހިމާޔަތް ދެވިދާނެއެވެ. އެންމެހައި މުއުމިނުންގެ ބޮލުގައި އެހިމާޔަތުގެ ޒިންމާ އެޅުވިދާނެއެވެ. އީމާންކަމުގެ އަހްލުވެރީންނަކީ އެހެންމީހުނާ މުއާމަލާކުރުމުގައި އެކަކު އަނެކެއްގެ އަޚުންނެވެ.
16. ޔަހޫދީންގެ ތެރެއިން އަހަރެމެންނާ ތަބާވެއްޖެމީހަކަށް އެހީތެރިކަމާއި ހަމަހަމަކަން (އީމާންކަމުގެ އަހްލުވެރީން ފަދައިން) ލިބޭނެތެވެ. އެފަދަމީހުންނަކަށް އަނިޔާއެއް ނުކުރެވޭނެތެވެ. އެފަދަމީހަކާދެކޮޅަށް އެއްވެސް މީހަކަށް މަދަދުވެރިޔެއް ނުވެވޭނެތެވެ.
17. އީމާންކަމުގެ އަހްލުވެރީންގެ ސުލްހަޔަކީ އެއްސުލްޙައެކެވެ. މާތްﷲގެ މަގުގައި ކުރެވޭ ހަނގުރާމައެއްގެ ތެރޭގައި އީމާންކަމުގެ އަހްލުވެރީންކުރެ އެކަކުވެސް އީމާންކަމުގެ އަހްލުވެރީން އެއްކިބާކޮށްފައި ދުޝްމިނުންނާ ސުލްޙައެއް ނުވާނެތެވެ. ދުޝްމިނުންނާ ވެވޭ ސުލްޙަވާނީ އީމާންކަމުގެ އަހްލުވެރީންގެ އެންމެން ބަރާބަރަށް ހަމަހަމަޔަށް ބައިވެރިވާ ސުލްޙައެއްކަމުގައެވެ.
18. އަހަރެމެންނާއެކު ހަނގުރާމައިގައި ބައިވެރިވާ އެންމެހައި ޖަމާއަތްތަކަށް އެއްބަޔަކަށްފަހު އަނެއްބަޔަކަށް އަރާމުކުރުމުގެ ފުރުސަތުދެވޭނެތެވެ.
19. އީމާންކަމުގެ އަހްލުވެރީން ﷲގެ މަގުގައި އުފުލާންޖެހޭގެއްލުންތަކަށް އެންމެހައި މުއުމިނުން ބައިވެރިވެގެން ބަދަލުހިފާނެތެވެ.
20. ޝައްކެއްނެތެވެ. ތަޤްވާވެރި މުއުމިނުންނަކީ އެންމެ ރަނގަޅު އަދި އެންމެ ސީދާ މަގުގައި ތިބި މީހުންނެވެ.
21. މި މުއާހަދާގައި ބައިވެރިވާ އެއްވެސް މުޝްރިކަކުވިޔަސް ޤުރައިޝެއްގެ ފުރާނަޔަކަށްވެސް މުދަލަކަށްވެސް ރައްކާތެރިކަމެއް ނުދޭނެތެވެ. އަދި މިކަމުގައި އީމާންކަމުގެ އަހްލުވެރިޔެއްގެ ކުރިމަތީގައ ހުރަހަކަށް ނުވާނެތެވެ.
22. މީހަކު އީމާންކަމުގެ އަހްލުވެރިޔަކު ގަތުލުކޮށް އެކަމުގެ ހެކި ލިބިއްޖެނަމަ އެމީހަކުގެ ކިބައިން ޤިޞާޞު ހިފެވޭނެތެވެ. ގަތުލުވި މީހާގެ ވާރިޘުން މަރުގެ ދިޔަ ޤަބޫލުކުރާން ރުހިއްޖެ ހިނދެއްގައި މެނުވީއެވެ. މިކަންތަންފީޒުކުރަން ތެދުވުމަކީ އެންމެން މައްޗަށް ލާޒިމުކަމެކެވެ. މިނޫން ގޮތެއް މުއުމިނަކަށް ހުއްދަވެގެން ނުވާނެތެވެ.
23. އީމާންކަމުގެ އަހްލުވެރީންކުރެ މި ސަޙީފާ ނުވަތަ އަހްދުނާމާއަށް އިޤްރާރުވެފައިވާ އެއްވެސް މީހަކު ނުވަތަ މާތްﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކު އައުކަމެއް އުފައްދާ މީހަކަށް ނުވަތަ ފިތުނަ ފަސާދަ އުފައްދަން އުޅޭ އެއްވެސް މީހަކަށް މަދަދުކުރުން ހެޔޮނުވާހުއްޓެވެ. އެފަދަ މިހަކަށް ޙިމާޔަތްދީފި ނުވަތަ ސަލާމަތެއްދީފި މީހަކު ޤިޔާމަތް ދުވަހުންވާހުށީ މާތްﷲގެ ލަޢުނަތާއި އެކަލާނގެ ކޯފާ ޙައްޤުވެއްޖެ މިހެއްކަމުގައެވެ. އެމީހެއްގެ ކިބަޔަކުން އެއްވެސް ފިދުޔައެއް ނުވަތަ ބަދަލެއް ޤަބޫލެއްނުކުރައްވާހުއްޓެވެ.
24. މިޢަހްދުނަމާ ޤަބޫލުކޮށްފައިވާ މީހުންގެ މެދުގައި ކަމެއްގައި ޚިލާފެއް އުފެދިއްޖެ ކޮންމެ ހާލަތެއްގައި އެކަން ރުޖޫޢަކުރެވޭހުށީ މާތްﷲ އާއި (އެކަލާންގެ ރަސޫލާ) މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށެވެ.
25. ޔަހޫދީން މުއުމިނުންނާއެކު ހަނގުރާމަ ކުރަމުންގެންދާހައި ހިނދަކު އެމީހުންގެ ޚަރަދުތައް އެމީހުން އަމިއްލަޔަށް ބަރުދާސްކުރަމުންގެންދާނެތެވެ.
26. ބަނީ ޢައްފުގެ ޔަހޫދީން ނާމެދު ބެލެވޭނީ މުއުމިނުންނާއެއް އުންމަތެއް (ސިޔާސީ އެއް ވަހުދަތެއް) ކަމުގައެވެ. ޔަހޫދީންނަށް އެބައިމީހުންގެ ދީނަށް އުޅުމުގެ މިނިވަންކަން ލިބިގެންވެއެވެ. މުއުމިނުންނަށް އެބައިމީހުންގެ ދީނެވެ. މުއާހަދާގެ އަސްލު އަހްލުވެރިޔަކަށް ވިޔަސް ނުވަތަ އެމީހުންގެ މަވާލީއަކަށް ވިޔަސް (މިކަން އޮތީ މިގޮތަށެވެ.) ޝައްކެއްނެތެވެ. އަނިޔާވެރިވެއްޖެ އެއްވެސްމީހަކަށް ނުވަތަ ކުށެއްކުރި އެއްވެސް މީހަކަށް އެމީހެއްގެ އަމިއްލަ ޒާތާއި އެމީހެއްގެ ޚާންދާން ފިޔަވައި އެހެން ބަޔަކު މުޞީބަތުގެ ތެރެޔަކަށް ނުވެއްދޭނެތެވެ.
27. ބަނުއްނައްޖާރުގެ ޔަހޫދީންނަށް ވެސް ލިބިގެންވަނީ ބަނޫ ޢައުފުގެ ޔަހޫދީންނަށްވެސް ލިބިގެންވާ ހައްޤުތަކެވެ.
28. ބަނޫ ޙާރިޘުގެ ޔަހޫދީންނަށް ވެސް ލިބިގެންވަނީ ބަނޫ ޢައުފުގެ ޔަހޫދީންނަށްވެސް ލިބިގެންވާ ޙައްޤުތަކެވެ.
29. ބަނޫ ސާއިދާގެ ޔަހޫދީންނަށްވެސް ލިބިގެންވަނީ ހަމަ ބަނޫ ޢައުފުގެ މީހުންނަށްވެސް ލިބިގެންވާ ހައްޤުތަކެވެ.
30. ބަނޫޖުޝަމުގެ ޔަހޫދީންނަށްވެސް ލިބިގެންވަނީ ހަމަ ބަނޫ އައުފުގެ ޔަހޫދީންނަށް ލިބިގެންވާ ޙައްޤުތަކެވެ.
31. ބަނޫ އައުސުގެ ޔަހޫދީންގެ ހައްޤުތަކަކީވެސް ހަމަ ބަނޫ ޢައުފުގެ ޔަހޫދީންގެ ހައްޤުތަކެވެ.
32. ބަނޫ ޘަޢުލަބާގެ ޔަހޫދީންނަށްވެސް ލިބިގެންވަނީ ހަމަ ބަނޫ އައުފުގެ ޔަހޫދީންނަށް ލިބިގެންވާ ހައްޤުތަކެވެ. ޝައްކެއްނެތެވެ. އަނިޔާވެރިވެއްޖެ މީހަކަށް ނުވަތަ ކުށެއްކޮށްފިމީހަކަށް ތިމާގެ އަމިއްލަ ޒާތާއި އާއިލާ ފިޔަވައި އެހެން ބަޔަކު މުޞީބަތުގެ ތެރެޔަކަށް ނުވެއްދޭނެއެވެ.
33. ބަނޫޖުފުނާއަކީ ބަނޫ ޘަޢުލަބާގެ ގޮތްޕެކެވެ. އެހެންކަމުން ބަނޫޖުފުނާގެ ޔަހޫދީންގެ ޙައްޤުތަކަކީ ހަމަ ބަނޫ ޘަޢުލަބާގެ ޔަހޫދީންގެ ހައްޤުތަކެވެ.
34. ބަނޫ ޝުޠައިބާގެ ޔަހޫދީނަށްވެސް ވަނީ ބަނޫ އައުފުގެ ޔަހޫދީންގެ ހައްޤުތަކެވެ. (އެންމެންވެސް) ވަފާތެރިވާން ޖެހޭނެއެވެ. އަހްދާ ޚިލާފުވެގެންނުވާނެއެވެ.
35. ބަނޫ ޘަޢުލަބާގެ ޔަހޫދީންގެ މަވާލީން ނަށްވެސް ލިބިގެންވަނީ އެޤަބީލާގެ އަސްލު އަހްލުވެރީންގެ ޙައްޤުތަކެވެ.
36. ޔަހޫދީންގެ ހުރިހާ ޤަބީލާތަކެއްގެ ގޮފިތަކަށްވެސް ލިބިގެންވަނީ އަސްލު ޤަބީލާތަކަށް ލިބިފައިވާ ޙައްޤުތަކެވެ.
(ނުނިމޭ)