އެމްޑީޕީ

ވެރިކަމުގައި ތިބެ، ޕާޓީ ހިންގާނެ ގޮތުގެ ދިރާސާއެއް އެމްޑީޕީން ކުރަނީ

ފަތޯނާ ފާއިޒު

ވެރިކަން ކުރާ ޕާޓީގެ ގޮތުގައި އޮވެގެން ޕާޓީ ހިންގާނެ ގޮތުގެ ދިރާސާއެއް ކުރަން އެމްޑީޕީން ތައްޔާރުވާން ފަށައިފިއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންގްރެސް ޕްރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައިސް 2008 ވަނަ އަހަރު ވެރިކަން ލިބުނުއިރު، ތިން އަހަރުގެ ތެރޭގައި އެ ވެރިކަން ވައްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން 2013 ވަނަ އަހަރުގެ އިންތިހާބުގައިވެސް ވާދަ ކުރިން. އެހެންނަމަވެސް، އެކި ގޮތްގޮތުން، އެކި ސަބަބުތަކާ ގުޅިގެން އެ އިންތިހާބު ވަނީ އަޅުގަނޑުމެން އަތުން ޖަހައިގެންފައި" ހަސަން ލަތީފު ވިދާޅުވިއެވެ.

އެހެންކަމުން، ސަރުކާރު ހިންގަމުން، ޕާޓީ ހިންގުމަށް އެޕާޓީއަށް ލިބުނީ ތިން އަހަރުގެ ތަޖުރިބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ އިސް ފަރާތްތަކާ މަޝްވަރާ ކޮށްގެން، ވެރިކަން ކުރަމުން ޕާޓީ ހިންގާނެ އުސޫލުތަކެއް ކަނޑައެޅުމަށް ދިރާސާއެއް ކުރުމަށް ބައެއް ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ އެފަދަ ދިރާސާއެއް ކުރަން ޖެހެނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުތާ މާ ގިނަ ދުވަސްތަކެއް ނުވާތީ، އެފަދަ މަސައްކަތެއް ކުރެވިފައި އޮތުން މުހިންމު ވާތީ ކަމަށެވެ.

ކުރީން، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް، އެމަނިކުފާނު ރައީސް ކަމުގައި ހުންނަވައިގެން ޕާޓީން ބައެއް ކަހަލަ ކަންކަން ކުރި ގޮތުން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.