އެމްޑީޕީ

ކައިރި ކައިރީގައި ކައުންސިލަރުންގެ ކޮންފަރެންސް ބޭއްވުމުގެ ވިސްނުން ގެންގުޅެން: އެމްޑީޕީ

ފަތޯނާ ފާއިޒު

ކޮންމެ ތިން މަހުން އެއް މަހުގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސެއް ބާއްވަން އެޕާޓީން ވިސްނަމުން އަންނަ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ކައުންސިލަރުންގެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، އެފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމުކަން، އިއްޔެއާ މިއަދު ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސުން އެނގިގެން ހިނގައްޖެ ކަމަށެވެ.

" އެ ބައްދަލުވުންތަކަކީ ކަނޑައެޅޭ ވަކި އުސޫލަކުން، ވަކި ތާރީހުތަކެއްގައި، ކުރީންސުރެ އިއުލާން ކުރެވިގެން ހިނގާނެ ކަންކަން" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ދެން ބާއްވާ ކޮންފަރެންސްތަކުގެ ތާރީހުތަކާ، އުސޫލުތައް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ބާއްވާފައިވަނީ ހުޅުމާލޭގެ ހުރަވީ ސްކޫލުގައެވެ. އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެޕާޓީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސަކީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ލާމަރުކަޒީ ނިޒާމަށް ގެނެވޭ އިސްލާހުތަކާ މެދު ސުވާލުކޮށް، މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އެމްޑީޕީ ކައުންސިލަރުންނަށް ދިނުމަށް ބޭއްވި ކޮންފަރެންސެކެވެ.