އެމްޑީޕީ

ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނީ އެމްޑީޕީން: ޝިފާޒު

ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށް އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ފެންނަ ބަދަލުތަކާމެދު އެމްޑީޕީ ކައުންސިލަރުންގެ މަޝްވަރާ ހޯދުމަށް ބޭއްވި ކޮންގުރެސް ނިންމުމަށް ބޭއްވި ޖަލްސާގައި ޝިފާޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމްޑީޕީ ފަހަތަށް ނުޖެއްސުނު ކަމަށެވެ.

އެވަރުކަމުގައި ކުރިމަތިވި ދައްޗާއި އަނިޔާގައި ވެސް ބޮޑު އަޣުލަބިއްޔަތު ހޯދީ އެމްޑީޕީން ކަމަށާއި ދެން ވެސް މަސައްކަތް ކުރަންވީ ކުރިއަށް ކުރިމަތިލާ ކައުންސިލް އިންތިހާބު ވެސް ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް. ޖެހިގެން ދެން ކުރިމަތިލާ އިންތިހާބު މި ޕާޓީ (އެމްޑީޕީ) ނަގާނީ ފަހުރުވެރިކަމާއި ޝަރަފްވެރިކަމާއެކީގައި ބޮޑު ތަނުން ރާއްޖޭގެ ރަށްތަކުގެ އަޣުލަބިއްޔަތު ނަގާ ޕާޓީއަކަށް ދެން ވެސް ވެގެންދާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް މި ޕާޓީ، އެމްޑީޕީ،" ޝިފާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުން ކަންތައް ކުރި ގޮތަށް އިންތިހާބު ނުބާއްވަން މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި އިންތިހާބު ހަމަޖެހިފައިވާ ތާރީހުގައި ބާއްވާނެ ކަމަށާއި ކުރިން އޮތް ހާސްކަމެއް މިހާރު ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ކޮންގުރެސްގައި ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފަށާތައި ހަ މަސް ދުވަސް ތެރޭގައި އެއާ ތައާރަޒުވާ އެހެން ހުރިހާ ގާނޫނެއް ބަދަލުކުރަން ހުށަހެޅި ހުށަހެޅުމަށް ވެސް ޝިފާޒު ވަނީ މިރޭ ތާއީދު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒުކުރާއިރު ކައުންސިލަރުން ތާށިވެގެން ތިބެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެކަންކަން ކުރެވެން އޮތީ ދެން އަންނަ ކައުންސިލް އިންތިހާބަށް ފަހުގައިކަން ޝިފާޒު ފާހަގަކުރެއްވިއެވެ.

"އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. މާ ގިނަ ދުވަހަކު އެކަންކަމުގައި ތާށިވެގެންނެއް ނުތިބެވޭނެ. އެ ހަ މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނު ރީތިކޮށް ތަންފީޒު ކުރެވޭތަން ރައްޔިތުންނަށް ފެންނަންވާނެކަން ދެކެން،" ޝިފާޒު ވިދާޅުވިއެވެ.