ޝަހީދާ އަބްދުﷲ ސައީދު
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދެވި ގޮތާމެދު ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ފާޑުވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ނުސީދާކޮށް ނަމަވެސް ވަކި ގާޒީއެއްގެ ނަން ފާހަގަ ނުކުރައްވައި އަހުމަދު ފާއިޒު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި ފެނިގެންދިޔައީ މުއްތަހަމު އާއި ހެކިވެރިޔާއާ ދެމެދު ޖަދަލު ކުރެވިގެން ދިޔަތަން ކަމަށެވެ.
އެގޮތުން، ފަނޑިޔާރުންގެ ހުނަރުވެރިކަމަކީ އެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޖުޑީޝަލް ސްކިލް ހުރުން ކަމަށާއި ޝަރީއަތް ކުރުމުގެ ހުނަރު ނެތްނަމަ އެ ޝަރީއަތުން ފެންނާނެ އުނިކަން ގިނަވާނެކަން ފާއިޒު ފާހަގަކުރެއްވިއެވެ.
''ކުރީގައި އޮންނަ ގޮތުން ހުވާކުރުމަށްފަހު ހަ މަސް ފަހުން ނޫނީ ޝަރީއަތްކުރާ ގޮނޑީގައި އިށީންނުމުގެ ފުރުސަތެއް ނުއޮންނާނެއެވެ... ހަ މަސް ދުވަހުގެ މުއްދަތު، ތިން މަހަށް ބަދަލުވެގެން ގޮސް، އެންމެ ފަހުން ވޭތުވެދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އެއްވެސް ކަހަލަ ތަމްރީނެއްނެތި، ހުވައިކުރިގޮތަށް ޝަރީއަތްކުރާ ގޮނޑީގައި އިށީންނަތަނެވެ،'' ފާއިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ހަ މަސް ފުރިހަމަ ކުރަންޖެހެނީ އެ މުއްދަތުގެ ތެރޭގައި ދުވަސްވީ ތަޖުރިބާކާރު ގާޒީންނާއެކު މަސައްކަތްކޮށް ޝަރީއަތް ކުރުމުގެ ހުނަރު ދަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި ބައެއް ފަހަރު ބޭރަށް ފޮނުވައިގެން އެ ހުނަރު ދަސްކޮށްދީފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.
ފާއިޒު މިހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމުގެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފައެވެ.
އަދި އަނިޔާވެރި ވެރިކަމެއްގެ ވިކްޓިމްއަކަށް އޭނާވި ކަމަށް އަދީބު ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީނާއި އަދީބާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވި ޖަދަލުކުރައްވައިފައެވެ.
ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީ އެމަނިކުފާނާ މެދު އަދީބުގެ އެއްވެސް ހިތްބަރު ކަމެއް އެބަ އޮތްތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާއަކީ އަނިޔާވެރި ވެރިކަމެއްގެ ޝިކާރައަކަށްވީ މީހެއް ކަމަށާއި ނަމަވެސް ރައީސް ޔާމީން ހިމެނޭ ގޮތުން އެންމެންނަށް އޭނާގެ ހިތުގެ އަޑިން މައާފު ކޮށްފައިވާ ކަމަށެވެ.