އެމްޑީޕީ

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސެއް ބާއްވަނީ

ޝަހީދާ އަބްދުﷲ ސައީދު

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ކޮންފަރެންސެއް ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ވިދާޅުވީ، ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 22 އިން 23ގެ ނިޔަލަށް ހުޅުމާލެ ހުރަވީ ސްކޫލްގައި ކަމަށެވެ.

އަފްޝަން ވިދާޅުވީ ކޮންފަރެންސަށް ކައުންސިލަރުންނަށް މިހާރު ދައުވަތު ދެމުން އަންނަ ކަމަށެވެ. އެގޮތުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު އަރުވާފައިވާނެ ކަމަށް އަފްޝާން ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ކައުންސިރުންގެ ހުރި ކަންބޮޑުވުންތަކާއި ލާމަރުކަޒީ ނިޒާމަށް ގެނެވޭ އިސްލާހުތަކާ މެދު މައުލޫމާތު ހޯދައި ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި ކައުންސިލަރުންނާ ބައްދަލު ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސެޝަންތަކަށް ވަޑައިގަތުމަށްޓަކައި އެމްޕީއެލްގެ ބަސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނައިރު، ގްރޭޓާ މާލޭ ބަސް ސްޓޭޝަން ސަރަހައްދުން ބަސް ނައްޓައިލާނީ 8:30 ގައި ކަމަށެވެ.

ކޮންފަރެންސް ފެށުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.