ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިން ވަނަ ފަހަރަށް، ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބިއްޖެއެވެ.
ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.
އެ ރަސްމިއްޔާތުގައި ބޭންކުގެ ފަރާތުން އެވޯޑާ ހަވާލުވެފައިވަނީ ބީއެމްއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އަޝްރަފް އާއި އެންޕުލޯއީ ރިލޭޝަންސް މެނޭޖަރު އާސިޔަތު މުހައްމަދެވެ.
އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަކަށް ބީއެމްއެލް ހޮވިފައިވަނީ ބީއެމްއެލްގެ ސިޔާސަތުތަކާއި ވަޒީފާ ގައި އުޅޭ މުވައްޒަފުން ތަމްރީނު ކުރުމާއި ވަޒީފަ ދިނުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ބަލާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެވޯޑް ލިބުމުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ، އެ އެވޯޑް ލިބުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ހާއްސަކޮށް ވިދިވިދިގެން ތިން އަހަރު އެ އެވޯޑް ލިބުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
"އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. މި އެވޯޑް ވިދިވިދިގެން ތިން ވަނަ ފަހަރަށް ބޭންކަށް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން." ސަހާ ވިދާޅުވެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
އެހެންކަމުން "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް"ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހު ބީއެމްއެލް އިން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.
އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީން ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭންކުގެ ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެ ފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.