އަބްދުﷲ ފާރޫގް ހަސަން
ނަބަވީ ބާޒާރުގެ ހިތްދަމައިގަތުމުގެ ބާރު އިތުރުކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ ފިޔަވަޅުފުޅުތައް ވެސް އެޅުއްވިއެވެ.
• އެކި ބާވަތުގެ މުދާ ވިއްކުމަށް ބާޒާރުގެ އެކި ހިސާބުހިސާބު ޚާއްޞަކުރެއްވިއެވެ. މިސާލަކަށް ގޮވާން ވިއްކާ ބަޔާއި ފޮތި ވިއްކާ ބަޔާއި ނަޢަމުސޫފި ވިއްކާ ސަރަޙައްދުތައް ވަކިކުރެއްވިއެވެ.
• ބާޒާރުގެ ވިޔަފާރި އޮމާންކަމާއެކު ހިނގާނެގޮތް ރާއްވަވައި ސާފުތާހިރުކަމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ.
• ބާޒާރުގައި ވިޔަފާރިކުރާ ވިޔަފާރިވެރީންނާއި ބާޒާރުކުރަންދާ މީހުންވެސް ޤަވާޢިދުތަކަކަށް ތަބާވުން ލާޒިމުކުރެއްވިއެވެ. މިސާލަކަށް ބާޒާރަށް ވަނުމަށްފަހު އެމީހެއްގެ ހަތިޔާރު އެހެން މީހުންނަށް ނުރައްކަލަކަށް ނުވަތަ އުނދަގުލަކަށް ނުވާގޮތަށް ތަނެއްގައި ބަހައްޓަން ހަމަޖެއްސެވިއެވެ. ބާޒާރުގެ މަގުމަތީގައި އިށީނދެތިބުން މަނާކުރެއްވިއެވެ.
• ވިޔަފާރި ގާފިލާތައް އައިސްގޮސްވާން ފަސޭހަކުރެއްވުމަށްޓަކައި ބާޒާރުގެ މަގުތަކުގައި އެކަށީގެންވާ ފުޅާމިނެއް ހުންނަގޮތަށް ހަމަޖެއްސެވިއެވެ. މަގުތަކުގެ ޢާއްމު ފުޅާމިނެއް ކަމުގައި ހަމަޖެއްސެވީ މުދާއަރުވައި ބަރުކޮށްފައިވާ ދެ ޖަމަލަށް އެއްފަހަރާ ދެކޮޅުން ދެކޮޅަށް ދެވޭ ވަރެވެ. މިޒަމާނުގެ ހަތަރުލޭނުގެ މަގުތަކުގެ ޚިޔާލު ހޯދައިފައިވަނީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މި އިންތިޒާމުން ކަމުގައި ބެލެވެއެވެ.
އިތުރުސާހިބާގެ ބާޒާރާ ގުޅޭގޮތުން އިސްވެ ދެންނެވި އިންތިޒާމުތަކުގެ އިތުރަށް ވިޔަފާރިއާއި އިޤްތިޞާދުގެ ހަމަތަކާއި ޤަވާޢިދުތައްވެސް އެކަށެއެޅުއްވިއެވެ. އިސްލާމީ ދައުލަތުގެ މައީޝަތު ވަރުގަދަކުރެއްވުމަށްޓަކައި އިތުރު އެތަކެއް ފިޔަވަޅުފުޅުތަކެއް ހިމެނުއްވިއެވެ. އޭގެތެރޭގައި މުދަލުގެޒަކާތާއި، ޢުޝްރު ނެންގެވުމާއި، ޚައިރާތުގެ ކަންކަމަށް މުދާ ވަގުފުކުރަން ހިތްވަރުދެއްވުމާއި، ތަރިކަމުދާ އަވަހަށް ބަހައިލަން އިރުޝާދު ދެއްވުންފަދަ އެތައް ކަމެއް ހިމެނުއްވިއެވެ. ކައުސާހިބާގެ މައީޝީރޭއްވެވުންތަކާއި އިސްލާހީ ފިޔަވަޅުފުޅުތަކުގެ ކުރީން މަދީނާގެ ވިޔަފާރި އާއި އިޤްތިސާދީ ސައިލު ދެމެމުންދިޔައީ ޔަހޫދީންނަށް މަންފާގޮތަށް އެމީހުންގެ ކޮޅަށެވެ. ނަމަވެސް އެންމެ މާތް އަދި އެންމެ ފަހުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަަމަ އިޤްތިސާދީ ޙިކުމަތު އަމަލީއިން މަދީނާގެ އިޤްތިސާދީ ސައިލު އެހައިތަނަށް ދެމެމުން އައި ކޮޅުނޫން އަނެއްކޮޅަށް ބަދަލުކޮށްލެއްވިއެވެ. ދުނިޔޭގައިވާ އެންމެ އިޔަހޫދި އެންމެ މަކަރުވެރި ޤައުމުކަމުގައިވާ ޔަހޫދީން ހައިރާންވެ އަންތަރީސްވާފަދަ ގޮތެއްގައެވެ. މަދީނާގެ އިޤްތިސާދުގައި އެބައިމީހުންނަށް އެރޭނެ އިތުރު ގެއެއް ކުޅޭވޭނެ އިތުރުކުޅިޔެއްނެތި ވަނީ ހުސްވެފައެވެ.
މުހާޖިރުންނަކީ ވިޔަފާރީގެ ހުނަރުތަކާއި އުކުޅުތަކަށް ފަރިތަފުޅުކަމާއި، ވިޔަފާރީގެ ތަޖްރިބާގައި ޔަހޫދީންނަށް ގޮންޖައްސަވައިލެއްވުމުގެ ގާބިލިއްޔަތު ލިބިވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އެހެންކަމުން ކައުސާހިބާގެ ރޭއްވެވުމާއި، އަންސާރުންގެ އެހީފުޅާއެކު މުހާޖިރުން ވިޔަފާރިފައްޓަވައިގެންނެވިއެވެ. އަބޫބަކުރުއްޞިއްދީ ރަޟިޔަﷲ އަންހު ކުރެއްވީ ފޮތީގެ ވިޔަފާރިއެވެ. އުމަރު ރަޟިޔަﷲ އަންހުގެ ވިޔަފާރި އީރާނާ ހަމަޔަށް ފުޅާކުރެއްވިއެވެ. އަބްދުއްރަހްމާން ބިން އައުފު ރަޟިޔަﷲ އަންހު ފެއްޓެވީ ގިތެލާއި ޗީޒުގެ ވިޔަފާރިއެވެ. ޢުޘްމާން ޛުއްނޫރައިނި ރަޟިޔަﷲ އަންހު ފެއްޓެވި ކަދުރުގެ ވިޔަފާރިއެވެ. މުހާޒިރުން ޔަހޫދީން ނުފޫޒުން މަދީނާގެ ވިޔަފާރި މިނިވަންކުރެއްވިއެވެ. ސޫދުކެއުމާއި، މުދާއަގުބޮޑުކުރަން މުދާ ފޮރުވުމާއި، ވަގުވިޔަފާރިއަކީ އިސްލާމްދީނުގައި ހަރާންކަންކަމެވެ. އެހެންކަމުން މުހާޖިރުން ވިޔަފާރި ފެއްޓެވުމުން ޔަހޫދީ މަހްޖަނުންނާއި، ރިބާކާމީހުންގެ ވަކިތަކުން އަންސާރުން ސަލާމަތްވެވަޑައިގެންފިއެވެ. ގޮވާމާއި، ކާބޯތަކެތި އަހަރުގެ ހުރިހައި ދުވަސްވަރެއްގައި ވެސް ދާދި އެއް އަގެއްގައި މަދީނާއިން ލިބޭން ފަށައިފިއެވެ. ނަތީޖާއަކަށްވީ ވިޔަފާރިގެ ދާއިރާގައި ޔަހޫދީން އާއްމުކޮށްފައި އޮތް ހުއްދަ ނޫން މަންފާހޯދުމާއި، އެނޫންވެސް ފަސާދަތައް ނެތިގެންދިޔުމެވެ. އެހެންކަމުން އަންސާރުންނާއި، ޔަޘްރިބުގެ އެނޫންވެސް ވަޒަންވެރީން އިސްލާމީ ނިޒާމަކީ ރަހްމަތެއްކަމުގައި ބަލައިގަތެވެ. ޔަހޫދީންނާ ލޭންދޭން ކުރުމުގެ ބަދަލުގައި މުސްލިމުންނާ އެކު ވިޔަފާރިކުރަން ތަރްހީބުދޭން ފަށައިފިއެވެ. ހަމައެއާއިއެކު އިސްލާމްދީނަކީ މަތިވެރިދީނެއްކަމުގައްޔާއި އެދީނަކީ ޙައްޤުދީނެއްކަމުގައި ޔަޘްރިބުގެ ޣައިރު މުސްލިމުންގެ ޒަމީރު ބަލައިގަންނާންފަށައިފިއެވެ. އަރަބި ޤަބީލާތަކުގެ މެދުގައި އިސްލާމީ ތަހްރީކަކީ މަޤްބޫލު ތަހްރީކަކަށް ވުމުގެ ވަރަށް ބޮޑު ބާރަކަށް އެކަންތައްވިއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަންސާރުންނާއި މުހާޖިރުންގެ މެދުގައި ޤާއިމުކުރެއްވި މުވާޚާތުން ހޯއްދެވި މައީޝީ ފައިދާއާ ހަމައެއްދޮނުގައި ވަރަށް ބޮޑު އެހެން މަންފާ އެއްވެސް އިސްލާމީ ތަހްރީކަށް ހޯއްދެވިއެވެ. އެއީ އިސްލާމީ ތަހްރީކަށް ބޭނުންވާ އިންސާނީ މުއްސަނދިކަން ދާދިކުރުމުއްދަތެއްގެ ތެރޭގައި ހޯއްދެވުމެވެ.
އިސްލާމީ ތަހްޒީބާއި އަޚްލާޤާއި ހެޔޮ ޚަޞީލަތްތަކަކީ އިސްލާމީ ސުލޫކުގެ ޝަހެންޝާހިއްޔަތެކެވެ. މުސްލިމުންގެ "ރައްބާނީ ރަސްކަމަށް" ވަޒީރުންނާއި، ފުރަދާނައިންނާއި، ލަޝްކަރުތަކުގެ ގާއިދުންނާއި، އަދި މިނޫންވެސް ދައުލަތެއްގެ މޮހުމާއި ގޮށްޖެހުމަށް ބޭނުންވާ ތަފާތު ޤާބިލިއްޔަތުގެ މޮޅުޖަރުހަރުގެ މީހުން ބޭނުންވިއެވެ. ވަރުގަދަ އިންސާނީ މުއްސަނދިކަމެއް ލިބިގެންވާ ބަޠަލުންގެ ނާސަރީއަކަށް ބޭނުންވިއެވެ. ކައުސާހިބާގެ ތޭރަ އަހަރުގެ ތަރުބިޔަތުގެ ނަތީޖާއެއްގެ ގޮތުން މުހާޖިރުންގެ ތެރޭގައި ވަނީ ކަމާއެކަށޭނަ ޖަމާއަތެއް ތައްޔާރުވެފައެވެ. އިސްލާމީ ދައުލަތަށް ބޭނުންފުޅުވާ އިސްވާރުން ވީހައިވެސް ކުރު މުއްދަތެއްގައި ތައްޔާރުކުރައްވައި ނިންމެވުމަށް އިތުރުސާހިބާ ބޭނުންފުޅުވިއެވެ. އެހެންކަމުން މުހާޖިރުންނާއި އަންސާރުން އަޚުކުރެއްވިއިރު އެބޭކަލުންގެ ޖައުހަރަށާއި، މިޒާޖުފުޅަށް ވިސްނައިވަޑައިގެންނެވިއެވެ. އެބޭކަލުންގެ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން އިސްލާމީ ދައުލަތަށް ބޭނުންވެފައިވާ އިސްވާރުން ތައްޔާރުވުން އަވަސްވިއެވެ. ތިރީގައި މިދަންނަވަނީ މުހާޖިރުންނާއި އަންސާރުން އަޚު ކުރެއްވުމުގައި ދައްކަވައިފައިވާ ބައެއް ނަމޫނާތަކެވެ.
މުހާޖިރިއްޔަ ބޭކަލެއްކަމުގައިވާ ސަޢީދު ބިން ޒައިދު ރަޟިޔަﷲ އަންހުއަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ ހެޔޮ ޚަބަރުދެއްވައިފައިވާ ބޭކަލެކެވެ. ސައީދުގެ ބައްޕާފުޅު ޒައިދު ވަނީ އިތުރު ސާހިބާގެ ދަޢުވަތުގެ ކުރީން ބުދަށް އަޅުކަންކުރެއްވުން ހުއްޓައިލައްވައި އިބްރާހީމީ މިއްލަތަށް ތަބާވެވަޑައިގެންފައެވެ. އެހެންކަމުން ޒައިދަކީ މުސްލިމުންގެ މުޤައްދިމަތުލް ޖައިޝުގެ ބޭކަލެއްކަމުގައި ދެންނެވޭ ފަދަ ބޭކަލެކެވެ. ސައީދު ތަރުބިޔަތުވެވަޑައިގެންފައިވަނީ ބައްޕާފުޅު ޒައިދުގެ ހިޔާވަހިކަމުގައެވެ. ނަތީޖާއެއްގެ ގޮތުން ސައީދުގެ ކަންފަތްފުޅުގައި އިސްލާމީ ދަޢުވަތުގެ އަޑުޖެހޭއިރަށް އިސްލާމްވެވަޑައިގެންފިއެވެ. އުމަރު ރަޟިޔަﷲ އަންހުއަކީ ސައީދުގެ އާއިލާގެ މެމްބަރެކެވެ. އުމަރުގެފާނު އިސްލާމްވެވަޑައިގެންނެވުމުގައިވެސް ސައީދުގެ ދައުރެއް އޮތެވެ.
އަންސާރުންކުރެ ސައީދު ބިން ޒައިދާ އަޚުކުރެއްވީ އުބައްޔުބިން ކަޢުބު ރަޟިޔަﷲ އަންހުއެވެ. ސައިދާއި އުބައްޔުގެ އެކުވެރިކަމުގެ ތެރެއިން އުއްތިވަޑައިގެން އުބައްޔު ހިމެނިވަޑައިގެންނެވީ ކައުސާހިބާގެ ކާތިބުން ކުރެ ފާހަގަކުރެވޭ އިސްބޭކަލެއްކަމުގައެވެ. ކީރިތި ޤުރްއާނަށް ފަރިތަފުޅު ސަހާބީންގެ ތެރެއިން އެންމެ އިސްއެއް ބޭކަލަކުކަމުގައެވެ. އުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު، އުބައްޔުބިން ކައުބުރަޟިޔަﷲ އަންހުއާ މުޚާޠަބު ކުރައްވަނީ ސައްޔިދުލް މުސްލިމީންގެ ނަންފުޅުންނެވެ.
މުހާޖިރުންކުރެ އަބޫޙުޛައިފާ ރަޟިޔަﷲ އަންހު އަކީ ޤުރައިޝުންގެ ރައީސު ޢުތުބާ ބިންރަބީޢަތުގެ ދަރިކަލެކެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަމަށް ރިޢާޔަތްކުރައްވައި އަބޫޙުޛައިފާއާ އަޚުކުރެއްވީ ޢައްބާދު ބިން ބިޝްރު ރަޟިޔަﷲ އަންހުއާއެވެ. އެކަލޭގެފާނަކީ ބަނުލް އަޝްހަލުވަންހައިގެ ރައީސެކެވެ.
އަބޫ އުބައިދާ އާމިރު ބުނުލް ޖައްރާޙު ރަޟިޔަﷲ އަންހު އަކީ ކައުސާހިބާ އަމީނުލް އުންމާގެ ލަޤަބުދެއްވައިފައިވާ ބޭކަލެކެވެ. އަބޫ ޢުބައިދާ ރަޟިޔަﷲ އަންހުވަނީ އިސްލާމްދީނަށްޓަކައި ކުރައްވަން ލާޒިމު ވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ބައްޕާ ޖައްރާޙު ޤަތުލުކުރައްވައިފައެވެ. ބަދުރުގެ މައިދާނުގައެވެ. އަބޫ އުބައިދާގެ އިސްލާމީ އަޚެއްކަމުގައި ވެވަޑައިގެންނެވީ އައުސުވަންހައިގެ ސާހިބު ސަޢުދު ބުނު މުޢާޛު ރަޟިޔަﷲ އަންހުއެވެ. ޔަހޫދީންގެ ޤަބީލާއެއްކަމުގައިވާ ޤުރައިޟަތު ވަންހައިގެ މީހުންނަކީ އައުސުވަންހައިގެ ޙަލީފުންނެވެ. އަރަބީންގެ ތެރޭގައި ޙަލީފުންގެ ގުޅުމަކީ އެއްބަނޑުއެއްބަފައިކަމާއި ދަރިވަންތަކަމުގެ ގުޅުން ފަދަ ގުޅުމެކެވެ. ނަމަވެސް ޤުރައިޟަތު ވަންހައިގެ މީހުން އެބައިމީހުންނާއި މުސްލިމުންނާ ދެމެދުގައި އޮތް ޢަހްދުއުވައިލައި ޚިޔާނާތްތެރިވިހިނދު އެމީހުނގެ މައްޗަށް ހުކުމު ކުރެއްވުމުގައި ސައުދުބުނު މުޢާޛު ކުޑަކޮށްވެސް ފަސްޖެހިވަޑައިއެއް ނުގަންނެވިއެވެ. ޣަދަރުވެރި ޤަބީލާގެ ހަނގުރާމަވެރި ހުރިހާ ފިރިހެނުންތައް ޤަތުލުކުރަން ނިޔާކަނޑައެޅުއްވިއެވެ.
(ނުނިމޭ)