ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު ރާއްޖޭގެ ދިހަ ރަށެއްގައި އީދު ސައި ދީފިއެވެ.
ބީއެމްއެލް އިން ބުނީ މިއަހަރުގެ އަލްހާ އީދުގައި ބީއެލްއެލްގެ ފަރާތުން އީދު ސައި ދީފައިވަނީ ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ބ. އޭދަފުށި ،ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫގައި ކަމަށެވެ. އީދު ސައި އިންތިޒާމް ކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުން ގުޅިގެންނެވެ.
މިދިޔަ ފިތުރު އީދު ދުވަހު ބީއެމްއެލްއިން ރާއްޖޭގެ އަށް ރަށެއްގައި އީދު ސައި ދީފައިވެއެވެ.
ބީއެމްއެލްއިން ބުނީ މިފަހަރުގެ އީދު ސަޔަކީވެސް ވަރަށް ފުރިހަމަ ސައެއް ކަމަށާއި އެހަރަކާތުގެ ތެރެއިން ރައްޔިތުންގެ އެކުވެރިކަމާއި އުފާވެރިކަން ފެނިގެން ދިޔަ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ދުވަހު އީދު ނަމާދަށްފަހު އެންމެ ފުރަތަމަ ކަމަކަށް އޮންނަނީ ރައްޔިތުން އެއް ސުފުރާމަތީ ސައި ބުއިމެވެ.