އަލީ ރިފްޝާން
އާސެނަލް ދޫކޮށް، 40 މިލިއަން ޕައުންޑްގެ އަގަކަށް ނައިޖީރިއާ ފޯވަޑް އެލެކްސް އިވޯބީ އެވަންޓަންއާ ގުޅިއްޖެއެވެ.
އުމުރުން 23 އަހަރުގެ އިވޯބީ، އެވަޓަންއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އެ ކްލަބުގެ ފޯވަޑް ލައިނުގައި ހަރަކާތްތެރިވާނީ ކުރިއަށް އޮތް ސީޒަނަށް ޔުވެންޓަސް އިން އެވަޓަންއާ ގުޅުނު އިޓަލީ ފޯވަޑް މޮއިސް ކީންއާއެކުއެވެ.
އިވޯބީއަކީ ކުރިއަށް އޮތް ސީޒަނަށް އެކްލަބާ ގުޅުނު ހަތްވަނަ ކުޅުންތެރިޔާއެވެ. މި ޓްރާންސްފާ މުއްދަތުގެ ތެރޭގައި އިވޯބީއާއި ކީންގެ އިތުރުން ގޯލްކީޕަރު ޖޯނަސް ލޮސީ އާއި ރައިޓް ބެކް ޖިބްރީލް ސިޑިބެ އާއި މިޑްފީލްޑަރު އަންދްރޭ ގޮމޭސް އާއި ފަބިއަން ޑެލްފް އަދި ފިލިޕް ގިބަމިން ވެސް ވަނީ އެވަޓަންއާ ގުޅިފައެވެ.
އެވަޓަންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެކްލަބުގެ ކޯޗު މާކޯ ސިލްވާ ބުނީ މި ޓްރާންސްފާ މުއްދަތުގެ ތެރޭގައި އެންމެ މުހިންމު ޓްރާންސްފާއަކީ އިވޯބީގެ ޓްރާންސްފާ ކަމަށެވެ.
"ޓްރާންސް މުއްދަތުގައި އަހަރެމެންގެ އެންމެ މުހިންމު ޓާގެޓަކަށް ވެގެން ގޮސްފައިވަނީ އިވޯބީގެ ޓްރާންސްފާ. އިވޯބީއަކީ ވަރަށް ހުނަރުވެރި ވިންގާއެއް. އަދި އޭނާއަކީ ޓީމާއެކު ވަރަށް މަސައްކަތްކުރާ، އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.
ކޯޗު ސިލްވާ ބުނީ އިވޯބީއަކީ ވަރަށް ޒުވާން ކުޅުންތެރިއެއް ނަމަވެސް އޭނާއަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި މިހާރު ޓީމުގައި ތިބި ކުޅުންތެރިންނާއެކު ފޯވަޑް ލައިން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.
އާސެނަލްގެ ޒުވާން ޓީމުން ސީނިއާ ޓީމަށް ބަދަލުވުމަށްފަހު އިވޯބީ ވަނީ އެ ކްލަބާއެކު 149 މެޗު ކުޅެފައެވެ. އާސެނަލްގެ ސީނިއާ ޓީމުގެ މެޗަކުން އޭނާ ފުރަތަމަ ފެނިފައިވަނީ 2015ގައި އުމުރުން 19 އަހަރުގައެވެ.