ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ކްލަބު އީގަލްސް މޮޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ވިކްޓަރީ އަތުން އީގަލްސް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު އީގަލްސް އިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ހަސަން ރާއިފް އަހްމަދު (ހަންނަ) އީގަލްސްއަށް ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އެޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ނާއިމްއެވެ.
އީގަލްސް އިން ތިން ލަނޑުގެ ލީޑެއް ހޯދީ މެޗުގެ 66 ވަނަ މިނެޓުގައެވެ. އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. ވިކްޓަރީގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އަހްމަދު ރަސްލާންއެވެ. އެ ލަނޑަކީ ވިކްޓަރީން މިސީޒަނުގެ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ރޭގެ މެޗުން މޮޅުވި އީގަލްސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެޓީމަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ވިކްޓަރީއަށް ކުޅުނު ހަ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައި ނުވާ އިރު، އެޓީމު އޮތީ ތާވަލުގެ އަށްވަނައިގައެވެ.
ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ށ. ފޯކައިދޫ ނުކުންނަ އިރު، މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫއެވެ.