މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ޔޫތު ކޮންގްރެސް މިމަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، އެޕާޓީގެ އެންމެ ފުރަތަމަ ޔޫތު ކޮންގްރެސް އޮންނާނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހު ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކަމަށެވެ.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގެ އެންމެ ފުރަތަމަ ދުވަހު، ޔޫތު ވިންގްގެ އަސާސީ ގަވައިދު ތައްޔާރުކޮށް، އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ކޮންގްރެސް ކުރިއަށް ގެންދާނެ ގޮތުގެ ތަސައްވުރެއް އެކުލަވާލުމަށްޓަކައި ޕްރީ ކޮންގްރެސް ވޯކްޝޮޕެއް އެދުވަހު އޮންނާނެ ކަަމަށްވެސް އެމްޑީޕީގެ ޔޫތު ވިންގުން މައުލޫމާތުދެެއެވެ.
މީގެ އިތުރުން ކޮންގްރެސްގެ ދެވަނަ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި އަސާސީ ގަވައިދު ފާސްކުރުމާއި، ޔޫތު ވިންގުގެ ލޯގޯ ފާސްކުރުމާއި، ކުރިއަށް އޮތް ތިން އަހަރު ޔޫތު ވިންގުން މަސައްކަތް ކުރާނެ ގޮތުގެ ތަސައްވުރެއް އެކުލަވައިލުންވެސް ހިމެނެއެވެ.
އެމްޑީޕީން ބުނީ ޔޫތު ކޮންގްރެސް ބާއްވަން ނިންމީ އެޕާޓީގެ މެންބަރުންގެ ތެރޭގައި ޒުވާނުންގެ ބޮޑު އިންސައްތައެއް ހިމެނޭތީ، އެފަރާތްތަކަށް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ސިޔާސީ ހަރަކާތްތައް ހިންގޭނެ މަގު ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް ކޮންގްރެސްގެ މުހިންމު އެއް މަގުސަދު ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ބައިވެރިވާނެ ކަމަށް، ޔޫތު ވިންގުގެ ރައީސް މީކާއީލް ވިދާޅުވިއެވެ. އަދި އެ ކޮންގްރެސް އަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ، އެކި ފިކުރުގެ ޒުވާނުން ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކޮންގްރެސް އެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ބައިވެރިވަނީ އެޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނު ޒުވާނުންނާއި، ވަޒީރުންނާއި، ކައުންސިލަރުންނާއި، އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ކޮންމެ ދާއިރާއަކުން ޔޫތު ވިންގުގެ ފޯކަލް ޕޮއިންޓެއްގެ އިތުރުން ޔޫތު ވިންގު ހިންގުމާ ހަވާލުވެ ތިއްބެވި ކޮމެޓީތަކުގެ މެންބަރުންނެވެ. އެގޮތުން ކޮންގްރެސްގައި ބައިވެރިވާނީ އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.