ބްރެޒިލް ޑިފެންޑަރު ލިއޯ ޑުއާޓޭ، 11 މިލިއަން ޕައުންޑްގެ އަގަކަށް އިޓަލީގެ އޭސީ މިލާނާ ގުޅިއްޖެއެވެ.
ބްރެޒިލްގެ ފްލެމެންގޯ އިން ޑުއާޓޭގެ ސޮއި ހޯދުމަށް މިލާންގެ އިތުރުން ވާދަވެރި ރޯމާ އިން ވެސް މަސައްކަތްކުރިއެވެ. މިލާނަށް ޑުއާޓޭ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޑުއާޓޭ ވަނީ ފްލެމެންގޯގައި ހަތަރު ސީޒަން ހޭދަކޮށް، އެ ކްލަބަށް ޖުމްލަ 92 މެޗު ކުޅެފައެވެ. އެ ކްލަބާއެކު އޭނާ ވަނީ 2017 އަދި 2019ގެ ކެމްޕެއޮނާޓޯ ކަރިއޮކާ ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ ވެސް ފްލެމެންގޯއެވެ. އެ ކްލަބުން ވަނީ ޖުމްލަ 35 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
އުމުރުން 23 އަހަރުގެ ޑުއާޓޭ، މިލާނާ ގުޅުމާއެކު އެ ކްލަބުގެ ޑިފެންޑަރުންގެ ގޮތުގައި އާ ކޯޗު މާކޯ ޖިއަމްޕައޮލޯއަށް ބޭނުންކުރެވޭނެ ކުޅުންތެރިންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. ޑުއާޓޭގެ އިތުރުން އެ ކްލަބުގެ ޑިފެންޑަރުންގެ ތެރޭގައި ތިއޯ ހެނާންޑޭޒާއި މެޓިއޯ މުސާކިއޯ އާއި މެޓިއޯ ކަލްޑާރާ އާއި ޑޭވިޑް ކަލަބްރިއާ އަދި އެލެސިއާ ރޮމަގްނޯލީ ހިމެނެއެވެ.
މިލާނުން ކުރިއަށް އޮތް ސީޒަނަށް ވަރުގަދަކުރުމުގެ ގޮތުން ޑުއާޓޭގެ އިތުރުން ހެނާންޑޭޒާއި ފްރޭންކް ކެސީ އާއި ރަފައެލް ލިއޯ އަދި އިސްމާއިލް ބެނެކާގެ ސޮއި ވެސް ވަނީ ހޯދައިފައެވެ. އޭގެ ތެރެއިން ކެސީއަކީ މީގެ ކުރިން ލޯނުގެ ދަށުން އެ ކްލަބަށް ކުޅެމުންދިޔަ ކުޅުންތެރިއެކެވެ.