އދ. ދަނގެތީގެ ޒުވާނަކު އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"އިން އެރަށު ހުރިހާ ގެ އަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާކޮށްފިއެވެ.
ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް"އަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ބީއެމްއެލްއިން ފަންޑް ކުރުމުގެ ދަށުން ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮޕޯސަލްއަކީ ދަނގެތީގައި ސިންގަލް ޔޫސް ޕޮލާސްޓިކް ހުއްޓުވުމަށް އެރަށު ރައްޔިތެއް ކަމަށްވާ އިބްރާހިމް ފަރުޝާން ހުށަހެޅި ޕްރޮޕޯސަލް އެކެވެ.
ފަރުޝާން އާއި "ޒީރޯ ވޭސްޓް އެމްވީ" ގުޅިގެން މިއަދުވަނީ އެރަށުގެ ކޮންމެ ގެ އަކަށާއި މުއައްސަސާތަކަށާއި ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރަން ފަށައިފައެވެ. އެގޮތުން ޖުމްލަ 600 ކޮތަޅު ހަދިޔާ ކުރާނެ ކަމަށާއި އެ ކޮތަޅުތައް ފިހާރަތަށް ފަދަ އާއްމު ބޭނުންތަކުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ހަރަކާތުގެ ދަށުން "ޒީރޯ ވޭސްޓް އެމްވީ" ގެ ފަރާތުން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތެއް ވެސް އެ ރަށު ސްކޫލުގެ ދަރިވަރުންނަށް ބާއްވައިފައެވެ.