އެމްޑީޕީ

އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެމަގާމަށް މުސާރަ ކަނޑައަޅާނީ ދެފަރާތުން އެއްބަސްވާ ގޮތަކަށް ކަމަށެވެ. އަދި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ވަނަވަރާއެކު މިމަހުގެ 25 ގެ ކުރިން އެމްޑީޕީގެ ގައުމީ އިދާރާއަށް ސިޓީ ފޮނުވުމަށް އެދިފައިވެއެވެ.

ރެޖިސްޓްރާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ މެންބަރުންގެ ދަފްތަރު ކަނޑައެޅިފައިވާ އުސޫލަކުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި މެންބަރޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާއި ދަފްތަރުގައި ޖެއްސުން ހިމެނެއެވެ.

އަދި މެންބަރޝިޕް ފޯމުތަކުގެ ތެރެއިން ރިޖެކްޓްކުރާ ފޯމުތައް އަލުން އިސްލާހުކޮށް ކޮމިޝަނަށް ހުށަހެޅުމާއި ޕާޓީގެ ގޮފިތަކުގެ ދަފްތަރާއި ގޮފިތަކުގެ ހިންގާ ކޮމެޓީގެ ދަފްތަރާއި މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ ލިސްޓު ތައްޔާރުކޮށް އިންތިހާބާ ބެހޭ ކޮމެޓީއަށް އެހީތެރިވުމާއި އެތެރޭގެ އިންތިހާބުތަކުގައި ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ތައްޔާރުކޮށް ކޮމެޓީއަށް ފޮނުވުމާއި މެންބަރުން އިތުރުކުރުމަށް ކެމްޕޭންތައް ރާވާ ހިންގުމާއި އަދި ދާއިރާތަކުގެ މެންބަރުން އިތުރުކުރަން މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުމާއި އެކިއެކި މައްސަލަތަކުގައި ޕާޓީން ފިޔަވަޅު އަޅާފައިވާ މީހުންގެ ދަފްތަރު ބެލެހެއްޓުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.