އަލީ ރިފްޝާން
ރެކޯޑު އަގަކަށް އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާގެ ސޮއި ހޯދައި، މެންޗެސްޓާ ޔުނައިޓެޑުން އޭނާގެ ޓްރާންސްފާ ފުރިހަމަކޮށްފިއެވެ.
ލެސްޓާ ސިޓީން މެގުއާގެ ސޮއި ޔުނައިޓެޑުން ހޯދާފައިވަނީ 80 މިލިއަން ޕައުންޑު (97 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އޭނާ އެ ކްލަބާ ގުޅުނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ގިނަ މަސައްކަތްތަކަކަށް ފަހު މެގުއާގެ ސޮއި، ޔުނައިޓެޑަށް ހޯދިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މެގުއާއަކީ ޔުނައިޓެޑުގެ ކުޅުންތެރިއެއްކަން އެ ކްލަބުން ވަނީ މިހާރު ރަސްމީކޮށް އިއުލާނު ވެސް ކޮށްފައެވެ.
ޔުނައިޓެޑަށް މުގުއާ ބަދަލުވުމާއެކު އޭނާ ވެގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. ކުރިން އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ. އޭނާގެ އަގަކީ 75 މިލިއަން ޕައުންޑެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ޔުނައިޓެޑުގެ އެންމެ ބަލިކަށި ޑިޕާޓްމަންޓެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ ޑިފެންސިވް ޑިޕާޓްމަންޓެވެ. ހާއްސަކޮށް އެކްލަބުގެ ލެޖެންޑް ރިއޯ ފާޑިނަންޑާއި ނަމެންޔާ ވިޑިޗްގެ ޕާޓްނާޝިޕްގެ ނިމުން އައި ފަހުން، ޑިފެންސިވް ޑިޕާޓްމަންޓުގެ ބަލިކަށިކަން ފެނިގެންގޮސްފައިވެއެވެ. އެކަމާ ގުޅިގެން އެ ކްލަބުގެ ސަޕޯޓަރުން ދިޔައީ ޑިފެންޑަރުން ހޯދުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
މެގުއާއާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ބުނީ މެގުއާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ސޮއި ހޯދުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެގުއާއަކީ ގޭމު ވަރަށް ރަނގަޅަށް ދަސްކުރާ ޑިފެންޑަރެއް ކަމަށާއި އޭނާއަކީ ޕްރެޝަރު ވަގުތުތަކުގައި ވެސް އެ ޕްރެޝަރު ހަމައަކަށް އެޅުވުމުގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށް ވެސް ސޯލްޝެއާ ބުންޏެވެ.
މެގުއާ ހޯދުމަށް ޔުނައިޓެޑުގެ ވާދަވެރި މެންޗެސްޓާ ސިޓީން ވެސް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އޭނާގެ އަގު މާ ބޮޑު ކަމަށް ބުނެ، ސިޓީން ވަނީ ދޫދީފައެވެ.