ޓްރާންސްފާ މާކެޓް

ލޯނުގެ ދަށުން ނައިންގޮލާން އެނބުރި ކަލިއަރީއަށް

އަލީ ރިފްޝާން

އިންޓަމިލާނުގެ ބެލްޖިއަމް މިޑްފީލްޑަރު ރާޖާ ނައިންގޮލާން، އޭނާގެ ކުރީގެ ކްލަބު ކަލިއަރީއާ ގުޅިއްޖެއެވެ.

އިންޓަމިލާނާއި ކަލިއަރިއަކީ ވެސް އިޓާލިއަން ސެރީއާގެ ދެ ކްލަބެވެ. އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ލޯނުގެ ދަށުން ކަލިއަރީއާ ގުޅުނީ އެއް ސީޒަނަށެވެ.

މިދިޔަ ސީޒަނަށްފަހު ނައިންގޮލާން އިންޓަ ދޫކޮށް، އެހެން ކްލަބަކަށް ދާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ކަލިއަރީއާ ނައިންގޮލާން ގުޅިފައި މިވަނީ އޭނާގެ ޓްރާންސްފާގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނައިންގޮލާން އެހެން ކްލަބަކާ ގުޅުމުގެ ވާހަކަތައް ދެކެވެން ފެށީ އިންޓަގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ރޭވުންތަކުގައި އޭނާ ނުހިމެނޭތީއެވެ. އެކަމާ ގުޅިގެން ގިނަ ކްލަބުތަކަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ކަލިއަރީއާ ގުޅުމަށްފަހު ނައިންގޮލާން ބުނީ އަލުން އެ ކްލަބަށް ކުޅުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށާއި އެ ކްލަބާ ގުޅުމަށް ނިންމަން ޖެހުން ނިންމުމަކީ މާ އުނދަގޫ ނިންމުމެއް ނޫން ކަމަށެވެ. އަދި ކުރިން ވެސް އެ ކްލަބަށް ދާން ބޭނުންވި ކަމަށާއި ނަމަވެސް އެ ނިންމުން މިއަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ކުރިން އުންމީދު ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ނައިންގޮލާން އެންމެ ފުރަތަމަ ކަލިއަރީއަށް ކުޅެފައިވަނީ 2010 އިން ފެށިގެން 2014 އަށެވެ. އެއަށްފަހު މިދިޔަ އަހަރު އިންޓައަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅެފައިވަނީ ރޯމާއަށެވެ.