ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން އެންމެ ފަހުގެ ދިވެހި ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ޓީސީ އާއި ދަ ގްރާންޑޭ ކުޅުނު ލީގު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ޓީސީން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ހޯދައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގާތުރީ ބިމާލް މަގަރެވެ. އޭނާގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގައި ދަ ގްރާންޑޭ އިން ޕޮއިންޓެއް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އެ ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ ކަދުމް އަހްމަދެވެ.
ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދެވަނައިގައި އޮތް ދަ ގްރާންޑޭއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. މާޒިޔާއަށް ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާ އިރު، ދަ ގްރާންޑޭއަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކްލަބު އީގަލްސް އާއި ހަތަރުވަނައިގައި އޮތް ޓީސީއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ޓީސީން މިހާތަނަށް ހަ މެޗު ކުޅެފައިވާ އިރު، އީގަލްސް އިން ކުޅެފައިވަނީ ފަސް މެޗެވެ.
ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު 4:00ގައި ކުޅޭ މެޗުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ އިރު، އެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.