އަލީ ރިފްޝާން
ދިވެހި ޕްރިމިއާ ލީގުގައި އަހްމަދު ރިޒުވާން (ރިޒޭ) ފުރިހަމަކުރި ހެޓްރިކާއެކު ށ. ފޯކައިދޫ ބަލިކޮށް، ކްލަބު އީގަލްސް އިން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފޯކައިދޫ އަތުން އީގަލްސް މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު އީގަލްސް އިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އީގަލްސްއަށް ރިޒޭ ލީޑު ހޯދައިދިން އިރު، މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ފުޅާކޮށްދިނީ އިމްރާން ނަޝީދެވެ.
ދެވަނަ ހާފުގައި ފުރަތަމަ ތިން ލަނޑު ކާމިޔާބުކުރީ އީގަލްސް އިންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި އީގަލްސްގެ ތިންވަނަ ލަނޑު ރިޒޭ ކާމިޔާބުކޮށްދިން އިރު، މެޗުގެ 63 ވަނަ މިނެޓުގައި އީގަލްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އީގަލްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިންތާ މިނެޓެއް ތެރޭ ރިޒޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގައި ފޯކައިދޫ އިން ކާމިޔާބުކުރި ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ފޯކައިދޫގެ ފުރަތަމަ ލަނޑު ބިދޭސީ ކުޅުންތެރިޔާ ޚަލީލް ގަމާލް ކާމިޔާބުކޮށްދިން އިރު، މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނަޒީމެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާ އިން ވަނީ ހަ މެޗުން 14 ޕޮއިންޓް ހޯދައިފައެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އީގަލްސްއަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭއެވެ.