ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާއަކަށް 24 ރުފިޔާ ބަހަން މިރޭ ފާސްކޮށްފިއެވެ.
ބީއެމްއެލްގެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމާފައިވަނީ މިރޭ ހޮޓެލް ޖެންގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅީ 129.17 މިލިއަން ރުފިޔާއެވެ. ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމާފައިވާ އިރު، އެއީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 22 ރުފިޔާއެވެ.
މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ. މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެ އަދަދަކީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.