ބީއެމްއެލްގެ ބޯޑު މެންބަރުންގެ ލިސްޓުން ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން އުނި ކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި ބޭންކް ޗެކްތަކެއްގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޝަރީފް ދޮގު މައުލޫމާތުދިންކަމުގެ މައްސަލައިގައި އޭނާގެ މައްޗަށް އަންނަނީ ތަހުގީގު ހިންގަމުންނެވެ.
ބީއެމްއެލްގެ ބޯޑު އެކުލެވިގެންވަނީ، ސަރުކާރުން އައްޔަން ކުރާ އަށް މެންބަރުންނާއި، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ތިން ހިއްސާދާރުންނާއެކު 11 މެންބަރުންގެ މައްޗަށެވެ.
ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ، އެ ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ އާއި ޖުވައިރިޔާ ސައީދު އާއި ސަނާ މަންސޫރު އާއި ނަޖީމް އިބްރާހީމް ޒަކަރިއްޔާ އާއި ހައްވާ ސަފުނާގެ އިތުރުން، ހުސައިން ތައުފީގު އަލީ ގެ ނަމެވެ.
ބީއެމްއެލްގެ ބޯޑުގައި އާއްމުންގެ ހިއްސާދާރުގެ ފަރާތުން ތިއްބަވާ ބޭފުޅުން އައްޔަން ކުރާނީ އަންގާރަ ދުވަހުގެރޭ ބާއްވާ އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މަޖިލީހުގެ ކޮމިޓީއަށް ޝަރީފް ސައްހަ ނޫން މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ޝަރީފް ކޮމިޓީއަށް ސައްހަ ނުން މައުލޫމާތު ދެއްވާފައިވަނީ، އެމްއެމްޕީއާރުސީއާބެހޭ އެއްވެސް ކްރޮސް ޗެކެއް ބޭންކުން އެންޑޯސްކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ކަމަށެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާގުޅޭ، ނޮން-ނެގޯޝަބަލް ހަ ޗެކެއް ބޭންކް އޮފް މޯލްޑިވްސް އިން އެންޑޯޒް ކޮށްދީފައިވާކަމަށް، އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް މައުލޫމާތު ދީފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.