މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައާގުޅޭ، ނޮން-ނެގޯޝަބަލް ހަ ޗެކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެންޑޯޒް ކޮށްދީފައިވާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅި ނިންމަވާލައްވަމުން، މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް މެންބަރުންނަށް ވިދާޅުވީ، އެމްއެމްޕީއާރުސީއާބެހޭ އެއްވެސް ކްރޮސް ޗެކެއް ބޭންކުން އެންޑޯސްކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ، މަޖިލީހުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ޝަރީފް އެގޮތަށް ދޮގު ހައްދަވާފައިވާއިރު، އެމްއެމްޕީއާރުސީއަށް ރަށްރަށާއި ފަޅު ތަކުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިބަލް ޖަހާފައިވާ، ހަ ޗެކެއް އެންޑޯސްކޮށް ބޭންކްއޮފް މޯލްޑިވްސް އިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާކަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
"އެސެޓް ރިކަވަރީ، ކޮމިޝަންގެ ބޭފުޅުން އެބައޮތް މަޖިލީހަށް ލިޔެފަ، މި ކޮމިޝަނުން ބަލަމުންދާ، އެމްއެމްޕީއާރުސީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން ހޯދާފައިވާ ލިޔެ ކިއުންތަކުން ފެންނަ ގޮތުގައި އެމްއެމްޕީއާރުސީއަށް ރަށްރަށާއި، ފަޅު ތަކުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށް، ބޭންކް އޮފް މޯލްޑިވްސް އިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާކަން ވަރްސާފުކޮށް އެނގެއޭ،" މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.
ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހެޅީ މި މައްސަލައިގައި އެފަދަ ޗެކެއް ބޭންކުން އެންޑޯސްކޮށްފައި ނުވާނެ ކަމަށް ވާހަކަ ދައްކަވާފައިވާތީއެވެ.