ސްރީލަންކާ

މަޖިލިސް ފެށުމުގެ ހުއްދަ ދީފި: ރާޖަޕަކްސާ

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެ ގައުމުގެ މަޖިލިސް ހުޅުވުމުގެ ހުއްދަ އަލުން ދެއްވައިފި ކަމަށް ސިރިސޭނާގެ ބޮޑު ވަޒީރު ކަމަށް ދާދި ފަހުން އިންތިޚާބުކުރެއްވި މަހިންދަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް މިދިޔަ ހުކުރު ދުވަހު ރާޖަޕަކްސޭ އަށް ބޮޑުވަޒީރުކަން ހަވާލުކުރެއްވީ ވަނީ އޭރު ހުންނެވި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހަ ކުއްލި ގޮތަކަށް ވަކި ކުރެއްވުމަށްފަހު އެވެ.

ރަނިލް ވަނީ އޭނާ ވަކިނުވާ ކަމަށާއި މަޖިލީހުގެ ތަޅުމުގައި އޭނާގެ މެޖޯރިޓީ އޮތްކަން ކަށަވަރުކޮށްދޭން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ މަޖިލިސް ނޮވެމްބަރު ފަހެއްގައި ހުޅުވުމަށް ރައީސް ސިރިސޭނާ ވަނީ އަންގަވާފައި ކަމަށް ރާޖަޕަކްސާ ވަނީ އޭނާގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި މިއަދު އިއުލާން ކުރައްވާފައެވެ.

މަޖިލިސް މިއަންނަ ހޯމައިގައި ހުޅުވާ ހަބަރު އިއުލާން ކުރުމާއެކު ރަނިލް ވަނީ ޓުވީޓެއް ކުރައްވާފައެވެ. ރަނިލްގެ ޓުވީޓުގައި ރައްޔިތުންގެ ޑިމޮކްރަސީ އަނބުރައި ލިބޭނެ ކަމަށާއި ރައްޔިތުންގެ އަޑު އިއްވައިފިކަމަށް ވަނީ ވިދާޅުވެފަ އެވެ.