ޅ. އަސްކަރީ ދިރިއުޅުމުގެ އުސޫލުތައް
1. ޖިހާދަކީ މުސްލިމުންގެ އަސްކަރީ ދިރިއުޅުމުގެ އުސޫލުތަކުގެ އަސްލެވެ. ޖިހާދުގެ އަސްލަކީ ފިތުނަ ފަސާދަ ނައްތައިލައި އަމަން އަމާންކަން ޤާއިމު ކުރުމެވެ. ޖިހާދަކީ އަމިއްލަ ފަރުދަކަށް ނުވަތަ އެކިވިލިވިލީން އަމިއްލަޔަށް އިއުލާންކުރެވޭނެ ކަމެއް ނޫނެވެ. ޖިހާދު އިއުލާން ކުރެވޭނީ އިސްލާމީ އުންމަތުގެ ނުވަތަ އިސްލާމީ ދައުލަތެއްގެ ވަލިއްޔުލް އަމްރަކަށެވެ.
2. އީމާންކަމާއި ޖިހާދަކީ އިސްލާމީ ސިލްސިލާގެ ގުޅިލާމެހިފައިވާ ދެކަންތަކެވެ. އެހެންގޮތަކަށް ދަންނަވާނަމަ އީމާންކަމާއި ޖިހާދަކީ ނުވަތަ އިސްލާމްކަމާއި ޖިހާދަކީ އެއްކަމެއް އަނެއްކަމަކާ ވަކިކުރެވޭނެކަންކަމެއް ނޫނެވެ.
3. ޖިހާދަކީ މާތްﷲގެ މަގުގައި ކުރެވޭ ކަމެކެވެ. މާތްﷲ ގެ އިސްމުފުޅުގެ މަތީން އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިންތަކުގެ ތެރޭގައިހުރެ އެކަލާނގެ ކަނޑައަޅުއްވައިފައިވާ ގޮތްތަކަކަށް ކުރެވޭ ކަމެކެވެ. ޖިހާދުގެ މަޤްސަދަކީ އެކަލާނގެ އަޅުތަކުންގެ ތެރެއިން އަނިޔާލިބެމުންދާ މީހުން އަނިޔާއިން މިންޖު ކުރުމެވެ. ހަމައެފަދައިން އިސްލާމީ އުންމަތާއި ދައުލަތާއި، އިސްލާމްދީން ދިފާއުކޮށް ރައްކައުތެރިކުރުމެވެ. ޖިހާދުގައި އެއްވެސް ކަހަލަ ޒާތީ ބޭނުމެއް ނުވަތަ އަމިއްލަ މަސްލަހަތެއް އޮވެގެން ނުވާނެއެވެ. ޖިހާދުގެ ހަތަރު ބާވަތެއް އޮވެއެވެ. އެއީ،
ހ. ހަތިޔާރުއަޅައިގެން ކުރާ ހަނގުރާމަ
ށ. ދުލުންކުރެވޭ ޖިހާދު
ނ. ގަލަމުން ކުރެވޭ ޖިހާދު
ރ. މުދަލުން ކުރެވޭ ޖިހާދު. މިބާވަތްތަކެވެ.
4. އަނިޔާވެރި ހަރުކަށިވެރިއެއްގެ ކުރިމަތީގައި ގައިޙާއްޤު ބަހެއް ބުނުމަކީ އެންމެ ބޮޑު ޖިހާދެވެ.
5. ހަނގުރާމަވެވޭ ޤައުމު ނުވަތަ ފަރާތް ހަނގުރާމަ ހުއްޓައިލަން ނުވަތަ ދެފަރާތުން ސުލްޙަވާން ހުށައަޅައިފިނަމަ އެކަން ޤަބޫލުކުރާންޖެހޭނެއެވެ. މުސްލިމުން އަބަދުވެސް މޮޓޯއަކަށް ހަދާން ޖެހޭނީ ސުލްޙަޔަށް އިސްކަންދިނުމެވެ.
6. އަނިޔާވެރިކަމާއި، މީހުން ފެލައިލައިގެން ހުއްދަނޫން މަންފާހޯދުމާއި، ޝަރީކުކުރުމާއި، ބުދަށް އަޅުކަންކުރުމާއި، ފިތުނަ ފަސާދަ ދުނިޔޭގައި ދެމިއޮތްހައި ހިނދަކު ޖިހާދުގެ އިއްލަތު ދެމިއޮންނާނެ އެވެ. އެހެންކަމުން ޖިހާދަށް ތައްޔާރުވެ ތިބުމަކީ ސަރުކާރާއި ރައްޔިތުންގެ އެންމެ މުހިންމު އެއްވާޖިބެވެ.
7. ހަނގުރާމައިގައި ޤަތުލުކުރެވޭނީ ދުޝްމިނުންގެ ( ހަނގުރާމަކުރާފަރާތުގެ) ހަތިޔާރުއެޅި ސިފައިންނެވެ. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނައި، އާއްމު ރައްޔިތުން ގަތުލުކުރުން ހުއްދައެއް ނޫނެވެ.
8. އަސްކަރީ މުޢާހަދާތަކާއި ސިޔާސީ އެއްބަސްވުންތަށް ހުރުމަތްތެރިކޮށް ހިތުމާއެކު ދަމަހައްޓާންވާނެއެވެ. ނަމަވެސް މުއާހަދާގައި ނުވަތަ އެއްބަސްވުމުގައި ހިމެނޭ އަނެއްފަރާތުން މުއާހަދާއާ ޚިލާފުވެއްޖެނަމަ މުސްލިމުންނަށް އެއެއްބަސްވުމެއް ނުވަތަ މުއާހަދާއެއް އުވާލެވިދާނެއެވެ.
9. އަމީރަށް ކިޔަމަންވުމަކީ މުޖާހިދުންގެ މައްޗަށް ހުރިހާ ހާލަތެއްގައިމެ ވާޖިބެކެވެ.
10. ޖިހާދުގައި ބައިވެރިވުމުގެ އެކަށޭނަކަން ލިބިހުރެ ހަނގުރާމައިގައި ބައިވެރިނުވުމާއި، މަރުދެކެ ބިރުން ހަނގުރާމައިގެ މައިދާނުން ފިލުމަކީ އަސްކަރީ އެންމެ ބޮޑެތި ކުށްކުށުގެ ތެރޭގައި ހިމެނޭ ކުށެކެވެ. ދީނީ ގޮތުން ވެސް ބޮޑު ފާފައެކެވެ.
11. ދާޚިލީ އަރައިރުމާއި ހަނގުރާމައާއި ތަޅައިފޮޅުމަކީ މުސްލިމުންގެ އާރާއިބާރު ކަމީނާވެ ބަލިކަށިވާނެކަންކަމެވެ. އެހެންކަމުން މުސްލިމުންގެ ދެކޮޅުވެރި ވިލިތައް ސުލްޙަކުރުވައި އެއްބައިކުރުވުމަކީ އުންމަތުގެ މަސްއޫލިއްޔަތެކެވެ.
12. ހަނގުރާމައިގައި ހައްޔަރުވާ މީހުންނަށް ހެޔޮކޮށް ހިތާންވާނެއެވެ. ހަނގުރާމަޔަށްފަހު ސުލްހަވެރިކަން ޤާއިމުވުމުން ހައްޔަރީން މިނިވަންކުރާންވާނެއެވެ.
13. ޤައުމާއި، މިއްލަތާއި، ދީނާއި، އިސްލާމްދީނުގެ އާލަމީ ރަހްމަތުގެ ތަހްރީކު އެތެރެއާއި ބޭރުގެ ދުޝްމިނުންގެ ކިބައިން ސަލާމަތްކޮށް ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް މަސްއޫލިއްޔަތެވެ.
14. ޖިހާދަކީ މުސްލިމުންގެ މައްޗަށްވާ ވާޖިބެކެވެ. އެހެންކަމުން އަސްކަރީ ތަރުބިޔަތު ހޯދުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ.
އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާގައި އިސްލާމީ މުޖުތަމައެއް ގާއިމުކުރައްވައި ދައުލަތެއް އުފައްދަވައި އާރާސްތުކުރެއްވީ ބަޔާންވެދިޔަ އަސްލުތަކާއި އުސޫލުތަކުގެ މަތީގައެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މަދަނީ ހަޔާތްޕުޅުގައި ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ހުރިހާ މައްސަލަތަކެއް ހައްލުކުރެއްވީ މިދެންނެވި އިމުގެ ތެރެއިންނެވެ.
އިތުރުސާހިބާ މަދީނާގައި އިސްލާމީ މުޖްތަމައެއް އުފައްދަވައި ދައުލަތެއްގެ ތަރަހަތައް އެކަށައެޅުއްވުމާއެކު ކުރިމަތިވެވަޑައިގެންނެވި މައްސަލަތަކުގެ ތެރެއިން ކޮންމެ މައްސަލައަކީވެސް ނުހަނު މުހިންމު މައްސަލައެކެވެ. އޭގެތެރެއިންވެސް ވަކީންފާހަގަކުރެވޭ ތިން މައްސަލައެއްވެއެވެ. ތިން މައްސަލަޔަކީ ވަރަށް ބޮޑުތިން މައްސަލައެވެ. ނުހަނު ހަރުދަނާކަމާއެކު އަވަހަށް ހައްލުކުރައްވާން ޖެހިވަޑާއިގެންނެވި ތިން މައްސަލައެވެ. ދެން އަޅުގަނޑު ބަލައިލާނީ އެމުހިންމު ތިން މައްސަލަޔަށާއި އިތުރުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އެމައްސަލަތައް ހައްލުކުރެއްވި ހިކުމަތެތެރި ގޮތްކޮޅުތަކުގެ މައްޗަށެވެ.
(ނިމުނީ)