ބޭންކް އޮފް މޯލްޑިވްސް

ކޮމެޓީއަށް މައުލޫމާތު ދިނީ އެދުވަހާ ހަމައަށް ފެންނަން ހުރި ރެކޯޑްތަކަށް ބަލައިގެން: ބީއެމްއެލް

ޝަހީދާ އަބްދުﷲ ސައީދު

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދެއްވި މައުލޫމާތަކީ އެދުވަހާއި ހަމައަށް ބޭންކްގެ ރެކޯޑްތަކުން ފެންނަން ހުރި ތެދު މައުލޫމާތު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްއިން މިރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނީ، ޑެޕިއުޓީ ސީއީއޯ ޝަރީފް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން އޭނާ ދޮގު ހެދި ކަމަށް ތުހުމަތުކޮށް، އެދުވަހުގެ ފަހުން މީސް މީޑިއާގައި ދައުރުވަމުން ދިޔަ ''ނޮން-ނެގޯޝިއަބްލް'' ލިޔެފައިވާ އެޗްއެސްބީސީގެ ޗެކެއް އެ ބޭންކްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ޗެކާ ގުޅިގެން ބީއެމްއެލްއިން ބެލި ބެލުމުން، 15 ނޮވެންބަރު 2016 އާއި ހަމައަށް އެހެން ބޭންކުތަކުގެ ޗެކަކީ އެ ޗެކް ޖަމާކުރުމަށްޓަކައި އެ ޗެކްގެ އަސްލު، އެމްއެމްއޭ މެދުވެރިކޮށް، އެޗެކް ނިސްބަތްވާ ބޭންކަކަށް ރައްދު ކުރެވި، އަދި ފަހުން އަނބުރާ ބީއެމްއެލްއަށް ހަވާލު ނުކުރާނަމަ ޕްރޮސެސް ވެގެންދާ އެއްޗެއް ކަމަށް ބީއެމްއެލްއިން ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ވެއެވެ.

އެގޮތުން އެޗްއެސްބީސީގެ އެ ޗެކެއް ވަނީ އެޗްއެސްބީސީ އިން އެ ޗެކް ކަސްޓަމަަރަށް ރިޓާން ކުރުމަށް ބީއެމްއެލްއަށް އަންގާފައި ނުވާތީ، އެ ޗެކް ޖަމާކުރުމަށް ހުށަހަޅާފައިވާ އެކައުންޓަށް އެޗްއެސްބީސީ އިން އެފައިސާ ދޫކުރުމުން ޖަމާކޮށްފައި ކަމަށް ބީއެމްއެލްގެ ސިޓީގައި ވެއެވެ.

އަދި އެގޮތަށް އެމްއެމްއޭ މެދުވެރިކޮށް ބަދަލުކުރެވޭ ޗެކަކީ އެޗެކް ނިސްބަތްވާ ބޭންކެއްގައި ރައްކާކުރެވޭ އެއްޗެއް ކަމަށާއި ބީއެމްއެލްގައި ރައްކާކުރަނީ އެ ޗެކް ޖަމާކުރުމަށް ހުށަހަޅާ އެފަދަ ޗެކްގެ ޑިޕޮސިޓް ސްލިޕް ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން ސިޓީގައި ބުނެފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ރ. ގައި ހާއްސަ ގޮތުގައި ނުވަތަ އާންމު ގޮތުގައި ކްރޮސްކޮށްފައިވާ ޗެކެއް ލިބިފައިވާ މީހަކަށް އެޗެކްގައި ''ނޮން-ނެގޯޝިއަބްލް'' ޖެހުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އަދި ''ނޮން-ނެގޯޝިއަބްލް'' ޖެހުމުން އެޗެކް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ބަދަލުކުރަމުން ނުގެންދެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ބީއެމްއެލްއިން ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އަދި ހަމަ އެގާނޫނުގެ 25 ވަނަ މާއްދާގައި ކްރޮސްކޮށްފައިވާ ޗެކެއް މީހަކަށް ލިބޭއިރު، އެ ޗެކްގައި ''ނޮން-ނެގޯޝިއަބްލް'' އެހެން ލިޔެފައިވާ ނަމަ އެޗެކް އޭނާއަށް ދިން މީހާއަށް ލިބިފައިވާ ހައްގަށްވުރެ އިތުރު ހައްގެއް ލިބިގެން ނުވާ ކަމަށާއި އަދި އެހެން ފަރާތަކަށް އެޗެކް ދޭނަމަ އޭނާއަށް ލިބިފައިވާ ހައްގަށްވުރެ އިތުރު ހައްގެއް ދިނުމުގެ ބާރެއްވެސް އޭނާއަށް ލިބިގެން ނުވާކަމަށް ގާނޫނުގައި ބުނެފައިވާކަމަށް ބީއެމްއެލްއިން ނަޝީދަށް މިރޭ ފޮނުވި ސިޓީގައި ވެއެވެ.

ޗެކްގެ މައްސަލައިގައި ކަން ހިނގި ގޮތް ބަޔާންކޮށް ބީއެމްއެލްއިން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައި މިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލް އަށް ކުރި ތުހުމަތުތަކާ ގުޅިގެން ޝަރީފް މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އޭނާ އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހުން ފުލުހުންނަށް ހުށަހެޅުމުންނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ޝަރީފް އޮޅުވާލާފައި އޮތް ކަން މިހާރު ސާފުވެފައިވާ ކަމަށާއި އެހެންވެ، އޭނާގެ މައްސަލަ އަނބުރާ ފުލުސް އޮފީހުން ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.