(11 ޖުލައި ގެ އަދަދާ ގުޅޭ)
ރ. ސިޔާސީ ދިރިއުޅުމުގެ އުސޫލުތައް
1. އިސްލާމީ ސިޔާސީ ނިޒާމުގެ އެންމެހައި އުސޫލުތަކުގެ އަސްލަކީ ވެރިކަމުގެ އެންމެފުރިހަމަ އާރާއިބާރު ނުވަތަ ސިޔާދަތު ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މިލްކުވެވޮޑިގެންވުމެވެ. އެހެނީ އެކަލާނގެއީ އެންމެހައި އިންސާނުން ހެއްްދެވި ފަރާތެވެ. އެބައިމީހުންގެ ރައްބެވެ. ވެރިފަރާތެވެ. އެހެންކަމުން އިންސާނުންގެ މައްޗަށް ހިނގާންވާނީ ހަމައެކަނި އެކަލާނގެ ހުކުމްފުޅުތަކެވެ. އިންސާނުންގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ ހުކުމެއް ނުހިނގާނެއެވެ. އެހެންކަމުން ފަރުދަކަށް ވެސް ނުވަތަ ޖަމާއަތަކަށް ވެސް ތިމާމެން ހިތުހުރިގޮތަކަށް ޤާނޫނުތައް ހަދައިގެންވެރިކަން ކުރުމުގެ އިޚްތިޔާރެއްނޯންނާނެއެވެ. ގާނޫނުތަކުގެ ތަރަހަޔަކަށް ވާނީ މާތް ﷲ ޖައްސަވައިފައިވާ އިންތަކާއި ބާވައިލައްވައިފައިވާ ގޮތަތަކެވެ.
2. މިނިވަންކަމަކީ އިންސާނާ އެޙައްޤަކާއިގެން ދުނިޔެއަށް ނޭވާލާ އޭނާގެ އަމިއްލަ ޙައްޤެކެވެ.
3. އިސްލާމީ މުޖްތަމައެއްގައި ފިރުއައުނުންނާއި، ހާމާނުންނާއި ޤާރޫނުންނަކަށް ކުޑަވެސްޖާގައެއްނެތެވެ.
4. އަނެކުންގެ މިނިވަންކަމާއި، އެނޫންވެސް ސިޔާސީ ޙައްޤުތަކަށް އިހްތިރާމްކުރުމަކީ އެންމެންގެ މައްޗަށްމެ ވާޖިބުކަމެކެވެ.
5. މުޖްތަމައުގެ ކޮންމެ ފަރުދަކީވެސް އެއްކަހަލަ އެއްފެންވަރެއްގެ ސިޔާސީ ހައްޤުތަކެއް ލިބިގެންވާ މީހެކެވެ.
6. ވެރިކަން ބައްޓަން ކުރާންވާނީ ޝޫރާގެ ބިންގަލުގެ މަތީގައެވެ.
7. ވަލިއްޔުލް އަމްރަށް ކިޔަމަންވުމަކީ އެންމެންގެ މައްޗަށްމެ ލާޒިމުކަމެކެވެ. ޝަރުޠަކީ އިލާހީއަމުރުފުޅުތަކާ އެ އަމުރެއް އެއްވެސް ގޮތަކަށް ޚިލާފުވެގެން ނުވުމެވެ. ތައާރުޒުނުވުމެވެ.
8. ޖިހާދުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބެކެވެ. ނަމަވެސް ޖިހާދު އިއުލާންކުރާނީ އުއްމަތުގެ ނުވަތަ އެޤައުމެއްގެ ވަލިއްޔުލް އަމްރެވެ. އަމިއްލަ އަމިއްލަޔަށް ޖިހާދަކުރާކަށެއް ނުފެށޭނެއެވެ. ޖިހާދުގެ ނަމުގައި ލޭ އޮހޮރުވައި ޤައުމުގެ ފަސާދަކޮށެއް ނެހެދޭނެއެވެ.
9. މުޖްތަމައުގައި އަމަން އަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމަކީ ފަރުދުންގެވެސް ސަރުކާރުގެވެސް ވާޖިބެކެވެ.
10. ހައްޤަކާ ނުލައި (ޝަރީއަތުގައި ސައްޙަމަގުންކުރެވޭ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުންމެނުވީ) މީހަކު ޤަތުލު ކުރުމަކީ ބޮޑުފާފައެކެވެ.
11. ފިތުނަ ފަސާދަ އުފެއްދުމަކީ މީހަކު މެރުމަށްވުރެވެސް މާބޮޑު ނުބައިކަމެކެވެ. އެކަންހުއްޓުވުމަކީ ފަރުދުންނާއި މުޖްތަމައުގެ ގުޅިފައިވާ މަސްއޫލިއްޔަތެކެވެ.
12. ނަމާދު ޤާއިމުކުރުމާއި ޒަކާތްނެރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަން ހިންގައި ބެލެހެއްޓުމަކީ ސަރުކާރެއްގެ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ.
13. އަފްރާދުންގެ ތައުލީމާއި ތަރުބިޔަތުގެ ކަންތައް (އޭގެތެރޭގައި އިސްލާމީ، އަޚްލާޤީ، ފަންނީ ތަޢުލީމާއި، ތަފާތު ހުނަރުތަކާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމާއި، އަސްކަރީ ތަމްރީނުތައްވެސް ހިމެނެއެވެ.) ވަގުތާއި، ޒަމާނުގެ ޙާލަތު ލާޒިމުކުރާ އެންމެމަތީފެންވަރުގައި އިންތިޒާމުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.
14. ވެރިޔާއަކީ މާތްﷲގެ ޚަލީފާއެކެވެ. އޭނާވެރިކަންކުރާނީ މާތްﷲ މަތި ކުރެއްވި ވަލީއާއެކުގައެވެ. އެކަލާނގެ އިސްމުފުޅުގެ މަތިންނެވެ. އެހެންކަމުން މީސްތަކުން ބެލެހެއްޓުމާއި، ތަރުބިޔަތު ކުރުމުގެ (އޭގެ އެންމެ ފުޅާ މާނައިގައި) އެކަށޭނަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެރިޔާގެ ޒާތީ ޒިންމާއެކެވެ.
15. އިސްލާމްދީނަކީ ދިރުމެއްނެތް ގަނޑުވެފައިވާ ނަޒަރިއްޔާއެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ ދިރުންހުރި ދީނީ ތަޙްރީކެކެވެ. އެހެންކަމުން ކާމިޔާބުގޮތެއްގައި ދީނީކަންތައްތައް ކުރިއަރުވައި ބެލެހެއްޓުމާއި އެހެނިހެން ދީންތަކުގެ މައްޗަށް އިސްލާމްދީން ނަސްރުވެރިކުރުވަން މެދުނުކެނޑި މަސައްކަތްކުރުމަކީ ފަރުދުންނާއި ވެރިކަމުގެ މަސްއޫލިއްޔަތެކެވެ.
16. މުޖްތަމައުގެ އެންމެހައި އަފުރާދުންނަކީ (ވެރީންނާއި ރައްޔިތުން) ހަމަހަމަގޮތެއްގައި ޤާނޫނަށް ބޯލަނބާންޖެހޭނެ ބައެކެވެ. އެންމެންވެސް ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެއެވެ. އިންސާފުވެރިވުމާއި، އިންސާފުލިބުމަކީ އެންމެންގެވެސް ޙައްޤެކެވެ.
17. ރައްޔިތުންގެ ފުރާނަތަކާއި، މުދަލާއި، އިއްޒަތާއި އަބުރާއި، އެންމެހައި އަސާސީ ހައްޤުތަކަކާއި އެނޫންވެސް ރައްޔިތުންނަށް ލިބޭންޖެހޭ ހުރިހައި ހައްޤުތަކެއް ލިބިދީ އެކަންކަށަވަރުކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ.
18. ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުގެ ހިމާޔަތާއި ރައްކާތެރިކަން ލިބިދޭންޖެހޭނެއެވެ. ކުޑަކޮށްވެސް ލަސްކުރެވުމެއް ތުރާއުފުއްލުމެއްނެތި ވަގުތުން އިންސާފުލިބޭންޖެހޭނެއެވެ. އިންސާފަކީ ހިލޭލިބޭންޖެހޭ ޚިދުމަތެކެވެ.
ބ. ޘަޤާފީދިރިއުޅުމުގެ އުސޫލުތައް
1. ޘަޤާފީ ދިރިއުޅުމޭ ދެންނެވިބަހުގެ މުރާދަކީ އިންސާނީ ހަޔާތުގެ ހުރިހައިކަމެއް މައުނަވީގޮތުންނާއި ސޫރަވީ ގޮތުން އެއްވެސް ކަހަލަ ނުބައެއްނެތި، ހެޔޮކަމާއި، ފުރިހަމަކަމާއި، ހެޔޮލަފާކަމުގެ މައްޗަށް ބައްޓަންވެފައިވުމެވެ. ތައުލީމާއި، ތަރުބިޔަތާއި، އަޚްލާޤާއި ސުލޫކު ރީތިކޮށް ފުރިހަމަކުރުމާއި، އަމަލާއި ބަހުގައި ތަހްޒީބާއި ނިޔަނެތިކަން އުފެއްދުމެވެ. ސާފުތާހިރުކަމާއި، ލަދުވެތިކަމާއި، ތެދުވެރިކަމާއި، ހެޔޮލަފާކަމަކީ މުސްލިމުންގެ ޘަޤާފީ ދިރިއުޅުމުގެ ހަތަރު ރުކުނެވެ. އުސޫލުތަކުގެ އަސްލެވެ.
2. ކޮންމެ ބަހަކާއި ކޮންމެ ޢަމަލެއްގައިވެސް އޮންނާންވާނީ ހެޔޮނިޔަތެވެ.
3. ހިތް އެދޭ ކަންތައްތަކާއި ބޭނުންތަކާއި، ވިސްނާގޮތާއި ދެކޭގޮތާއި ބަހާއި އަމަލުގައިވެސް އަމާޒަކަށްވާންޖެހޭނީ ހެޔޮލަފާކަމާއި، ރަނގަޅުކަމެވެ. މުރުވަތްތެރިކަމާއި ނިޔަނެތިކަމެވެ.
4. ހެޔޮކަންކަމާއި ރަނގަޅުކަންކަން ދެކެލޯބިވާންޖެހޭނެއެވެ. ލިބޭތޯ މަސައްކަތްކުރާންވާނީ އެކަން ކަމެވެ. އެގޮތްތަކެވެ.
5. ކުޑަވެސް ދަމިލަޖެހުމެއްނެތް ރީތި ފުރިހަމަ ގޮތްތަކަށް އެދުމުގެ ޝުއޫރު ދިރުވައި ދަމަހައްޓާންވާނެއެވެ.
6. މާތްﷲ ގެ ނިއުމަތްތަކަށް ގަދަރު ކުރާން ޖެހޭނެއެވެ. އެގޮތަށް އަމަލު ނުކުރުމަކީ ނިޢުމަތަށް ކުފުރުވުމެވެ. އެހެންކަމުން ﷲގެ ނިއުމަތްތަކަށް އިހްތިރާމު ކުރުމަށްޓަކައި ތިމާގެ ހިއްސީބާރުތަކާއި (އިވުމާއި، ފެނުމާއި) ހިތުގެ ބުންވަރު ތަރުބިޔަތުކުރުން ލާޒިމެވެ. އެގޮތަށް އަމަލުނުކުރާ މީހުންނަށް ކީރިތި ޤުރްއާނުގައި ނަންދެއްވައިފައިވަނީ ބީރު، ކަނު، މަންމަން މީހުންގެ ނަމުންނެވެ.
7. އަޚުލާޤު ރަނގަޅުކޮށް ތަހުޒީބުކޮށް ރީތިކުރުމަކީ ވާޖިބެކެވެ. ޚުލުގުހެޔޮ ކުރުމަކީ ގަދަ ސުންނަތެކެވެ.
8. ޚުލުޤު ނުބައިކަމަކީ ބޮޑުފާފައެކެވެ. ޚުލުޤު ހެޔޮކަމަކީ އެންމެ ބޮޑު ހެޔޮކަމެވެ.
9. މަސްތުވާ ތަކެއްޗަކީ ނުބައި ނުރަނގަޅު އެއްޗެއްސެވެ. ނުރަނގަޅު އަަދި ނުބައި ކޮންމެ އެއްޗަކަށް ނަފުރަތުކުރުން ވާޖިބެވެ.
10. ޒިނޭއަކީ ހަރާންކަމެކެވެ. އެހެންކަމުން ޖިންސީ ހައިޖާނުގެ ޝުއޫރުތައް ހޭލާފަދަ ގޮތްގޮތަށް އަންހެނުންނާއި ފިރިހެނުން މައްސުނިވެ އުޅުމަކީ މަނާކަމެކެވެ.
11. ކާވެނީގެ ދިރިއުޅުމަކީ ހުތުރުކަމެއްނެތް ތާހިރު ހެޔޮ ދިރިއުޅުމަކަށް ހެދުން ލާޒިމެވެ.
12. ލަދުހުތުރުކަމާއި ފާހިޝްކަމާއި، އޮރިޔާންކަމާއި މިނޫންވެސް އިންސާނާގެ ހެޔޮނިޔަތާއި، ހެޔޮކަމުގެ ޝުއޫރު ނުބައި އަތަށް ފިރާލައި ފާފަވެރިކަމަށް ހިތްޖައްސުވައި ނުބައިކަންކަމަށް އަރައިގަތުމަށް ބާރުއަޅާ ކޮންމެ ކަމަކީ މަނާކަމެކެވެ. ހަރާންކަމެކެވެ.
13. އިލްމާއި، ހުނަރާއި ހިކުމަތް ދަސްކުރުމަކީ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށާއި އަންހެނެއްގެ މައްޗަށް ވެސް ވާޖިބެކެވެ. އިންސާނާ ފެންކޮށީން ފެށިގެން ކަށްވަޅަށް ދަންދެން ދެމިހުންނަންވާނީ ޢިލްމާއި ޙިކުމަތް އުނގެނޭން މަސައްކަތް ކުރުމުގައެވެ.
14. ހެޔޮނިޔަތުގައި ދަތުރުފަތުރުކޮށް ތަންތަން ބަލައިހެދުމަކީ ޘަޤާފީ ވިސްނުމުގެ ދާއިރާ ފުޅާކޮށް ތަނަވަސްކުރާކަމެކެވެ.
15. ސަލާމް ކުރުމާއި، މުސާފަހާކުރުމާއި، ބަޣަލްޤީރު ކުރުމާއި، ދައުވަތު ޤަބޫލުކުރުމާއި، މީހުންގެ އުފަލާއި ހިތާމައިގައި ބައިވެރިވުމާއި، އެކަކުއަނެކަކަށް ހަދިޔާބަދިޔާކޮށް އުޅުމަކީ ހެޔޮލަފާ މުޖްތަމައެއްގައި ހުރުން ލާޒިމު ސިފަތަކެވެ.
16. ޝިރުކާ ގުޅޭ ހުރިހާ ކަމާއި، މަސްތުވާ ތަކެއްޗާއި، ރިބާއަކީ މަނާކުރާންޖެހޭ ހަރާންކަންކަމެވެ.
17. ދޮގުހެދުމާއި، މަކަރުހީލަތްހެދުމާއި، ކެހިދިނުމާއި، އޮޅުވައިލުމާއި، ވައުދާ ޚިލާފުވުމާއި، ބޭއިންސާފާއި މިފަދަ ކަންކަމަކީ ހެޔޮލަފާ ޘަޤާފީ ހަޔާތެއްގައި ފެތުރިދާނެ ވަބާތަކެވެ. އެފަދަވަބާތައް ނައްތައިލަންކަށީގެ މަދުން ބާރުލައިގެން މަސައްކަތްކުރާންވާނެއެވެ.
18. ރީތި ފުރިހަމަ ގޮތްތަކާމެދު ފަރުވާކުޑަކޮށް އަޅައިނުލުމާއި، ރަނގަޅުކަންކަމުގެ ޒައުގެ ނެތުމާއި، ދުރުވިސްނުން ނުގޭންގުޅުމާއި، ލިޔަންކިޔަން ނުދަތުމާއި، ޖަހާލަތަކީ މުސްލިމުންގެ، ޘަޤާފީ ދިރިއުޅުމުގައި އައިބު ކަންކަމެވެ. ހުތުރު ކަންކަމެވެ. އެކަންކަން ރަނގަޅުކުރުން ލާޒިމެވެ.
19. މިސްކިތަކީ އިސްލާމީ ޘަގާފަތު "އުފަންވީގެ" އެވެ. އެހެންކަމުން މުސްލިމުންގެ ޘަޤާފީ ދިރިއުޅުމުގައި މިސްކިތާ ގުޅުން އުފައްދައި ދަމަހައްޓާން ޖެހެއެވެ. މިއީ، ފަރުދުންނާއި ޤައުމުގެ މަސްއޫލިއްޔަތެކެވެ.
20. ތަޤްވާއަކީ މުސްލިމުންގެ ޘަޤާފީ ދިރިއުޅުމުގެ ޙަޤީޤީ ރޫހެވެ. އެހެންކަމުން އެރޫހު އެގޮތުގައި ދަމަހައްޓާން ވާނެއެވެ. މުސްލިމުންގެ ޘަޤާފީ ދިރިއުޅުމާއި ޘަޤްވާއާ ވަކިކޮށްލެވިއްޖެނަމަ މުސްލިމުންގެ ހެޔޮކަމުގެ ދިރިއުޅުމުގެ މަގު ބަންދުވެދާނެއެވެ. ކުރިބެދިދާނެއެވެ. އިބިލީހުގެ ގިރިޓީއިން އެދިރިއުޅުން ކިތަންމެ ވަރަކަށް އޮފުދާރުކޮށް ކުލަޖެއްސި ކަމުގައިވިޔަސް ޙަޤީޤަތުގައި އެދިރިއުޅުމުގައި އެއްވެސް ކަހަލަ ދިރުމެއް އާރޯކަމެއް ނުހުންނާނެއެވެ. އެހެންކަމުން މުސްލިމުންގެ ޘަޤާފީ ދިރިއުޅުން ދިރުވައި ކުރިއެރުވޭނީ ތަޤްވާވެރިކަމާއި އަޚްލާޤީ ދަމިލަ އާއި ހިރަފުސް ފިލުވުމުގެ ޒަރީއާއިންނެވެ. އޭރުން ހުއްޓުމެއްނެތި ދާނީ ކުރިއަރަމުންނެވެ. ކުރިލައި ހެދެމުންނެވެ.
ނުނިމޭ