ބޭންކް އޮފް މޯލްޑިވްސް

ކޯޓު އަމުރެއް ނެތި އޭސީސީ އާއި ފުލުހުންނަށް އެއްވެސް މައުލޫމާތެއް ނުދޭނެ ކަމަށް ބީއެމްއެލް އިން އަންގައިފި

ކޯޓު އަމުރެއްގެ ދަށުން ނޫނީ އެއްވެސް މައުލޫމާތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސެސް އަށް ނުދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންގައިފި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މައްސަލައިގައި، އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިއްޔެ ހާޒިރު ކުރުމުން އެ ކޮމެޓީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ކޯޓު އަމުރެއް ނެތި އޭސީސީ އަށް އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށް ބުނެ ބީއެމްއެލް އިން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ އެއީ އެ ބޭފުޅުން އަމިއްލަ އަމިއްލައަށް ނިންމަވައިގެން އުޅުއްވާ ގޮތެއް ކަމަށާއި، ގާނޫނު ތަކާއި ގަވައިދުތައް ހުރި ގޮތަށް ބަލާ އިރު އެހެން އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ފުލުހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން، ޑެޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވެސް ވަނީ މި މައްސަލަ ފާހަގަކުރައްވައިފަ އެވެ. ބޭންކުން ވަނީ ފުލުހުންނަށް ވެސް އެގޮތަށް އަންގައިފަ އެވެ. އެކަމުގައި ފުލުހުން ދެކޭ ގޮތް ބޭންކަށް އަންގަވާނެ ކަމަށް އެ ދުވަހު ރިޔާޒް ކޮމެޓީގައި ވިދާޅުވި އެވެ.

"ވަން އޮންލައިން" އަށް މިއަދު ދެއްވި އިންޓަވިއުއެގައި މުއައްވިޒު ވިދާޅުވީ، ބޭންކުން އެހެން އަންގާފައި ވަނީ، ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލައިގައި، ހައިކޯޓުން ނެރެފައިވާ ހުކުމެއްގައި ހިމެނޭ ނުކުތާއަކާއި ހަވާލާދީ ކަމަށާއި އެހެން ނަމަވެސް އެހެން އެކަން ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވާ ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެން ތަހުގީގީ އިދާރާތަކާ މަޝްވަރާ ކޮށްފިން. އެޓާނީ ޖެނެރަލްގެ އޮފީހާ ވެސް މަޝްވަރާ ކޮށްފިން. ހުރިހާ ފަރާތްތަކަށް ވެސް ގަބޫލުކުރެވެނީ އެ ގޮތަށް މައުލޫމާތު ނުދީ ތިބެވޭނެ ހަމައެއް ނެތް ކަމަށް." މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު އިތުރަށް ވިދާޅުވީ، ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ދިނުމަކީ ބޭންކިން ގާނޫނުގެ ދަށުން އެ މީހުންނަށް ލާޒިމް ކަމެއް ކަމަށެވެ. އެހެންކަމުން މައުލޫމާތުތައް ދެއްވުމަށާއި އެހެން ނޫން ނަމަ ބެލެވޭނީ ތަހުގީގަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ކަމަށް ވެސް ބޭންކަށް މިހާރު އަންގާފައި ވާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.