ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
އެ މަގާމަށް ހަމަޖެއްސީ ޓިމޮތީ ސޯޔާ އެވެ. ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، އެންޑްރޫ ހީލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޓިމް ބީއެމްއެލްއާ ގުޅިވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމުގައި ހުންނެވުމަށްފަހުއެވެ.
މީގެ އިތުރުން ޓިމް ވަނީ ބޭންކް ޑުބޮއާ އޮފް ސުވިޒަލޭންޑް އަދި ޔޫކޭގައި ލޯނު ދޫކުރާ ކުންފުންޏެއް ކަމަށްވާ ފޯކްޓުފޯކްގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ.