12. ކޮންމެ މުސްލިމަކީވެސް އެހެނިހެން މުސްލިމުންގެ ފުރާނަޔާއި، އަބުރާއި، އިއްޒަތާއި ނާމޫސަށް ފާރަވެރިވެ ބަލަހައްޓަންޖެހޭ ބެލެހެއްޓުންތެރިޔެކެވެ. އެހެންކަމުން ފިތުނަ ފަސާދަ އުފެއްދުމާއި، ހުތުރު އެއްޗެހިގޮވުމާއި، ދޮގުހަދައިގެން ވާހަކަދެއްކުމާއި، ޣީބަބުނެ ނެތިމޮށުމާއި، މަލާމަތްކޮށް ފުރައްސާރަކުރުމަކީ ވަރަށް ބޮޑެތި ފާފަތަކެވެ. އަދި ކީއްތޯއެވެ. މީހުންނާއިމެދު ނުބައިހީކުރުމަކީވެސް އިސްލާމްދީނުގެ ނަޒަރުގައި ނުރުހެވޭ ކަމެކެވެ.
13. އެކުވެރިކަމާއި އެއްބައިވަންތަކަމަށް އިސްކަންދޭން ޖެހޭނެއެވެ. އަރައިރުންވުމާއި ދެބަސްވުމުން ދުރުހެލިވާން ޖެހޭނެއެވެ.
14. މައިންބަފައިންނަށާއި ގާތްތިމާގެމީހުންނަށާއި، ދުރުތިމާގެމީހުންނަށާއި، އަވަށްޓެރިންނަށާއި، އެކުގައި ދަތުރުކުރާ ދަތުރުވެރީންނަށާއި، އެކުވެރީންނަށާއި ރަހްމަތްތެރިންނަށް އަދަބުވެރިވުމާއި، އަހައިކިޔަމަންވުމާއި، ތިމާގެކަމުގެ ގުޅުން ވާސިލުކުރުމާއި އަދުލުވެރިވުން ހުރިހައި ހާލަތެއްގައިވެސް ލާޒިމެވެ.
15. ޚަލްޤުތަކުންނަށް ޚިދުމަތް ކުރުމާއި ބަދަހިގުޅުމަކުން ޤައުމާއި މިއްލަތާ ގުޅިފައިވުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމާއި ހައްޤަށް ވަޞިއްޔަތްކޮށް އުޅުމާއި ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުމަކީ ތިމާގެ ޝިއާރެއް ކަމުގައި ހަަދާންވާނެއެވެ.
16. އިންސާނުންނާއި އެހެންވެސް މަޚްލޫގާތުތަކަށް ލޯބިކުރުމާއި، އަނެކުންނަށް ބޭނުން ހިފެވޭ މީހަކަށްވުމާއި، އެހެން މީހުންނާއި މެދު އަދުލުއިންސާފުން ހެޔޮ ޚުލުގުތަކުން މުއާމަލާކުރުމާއި، މާފުކޮށް ހިތްހެޔޮ ކުރަމުން ގެންދިޔުމާއި ކެތްތެރިވުމާއި، ރުޅިމަޑުކުރުމާއި، އޯގާވެރިވުމާއި، ދީލަތިވުމަކީވެސް ތިމާގެ ޝިއާރެއްކަމުގައި ހަދާންވާނެއެވެ.
17. އުޚުއްވަތާއި ހަމަހަމަކަމާއި، ފިކުރީ މިނިވަންކަމަށް އިހްތިރާމުކުރުމީ ތިމާގެ އިޖްތިމާޢީ ދިރިއުޅުމުގައި ޚާއްޞަ ބައެއްކަމުގައި ހަދާންވާނެއެވެ.
18. އަވަށްޓެރީންގެ ޙައްޤުތަކަށް ޚާއްޞަގޮތެއް އިހްތިރާމުކުރާންވާނެއެވެ.
1. އުޑާއި ބިމާދެމެދުގައިލައްވައިފައިވާ ހުރިހާ އެއްޗެއްސަކީ ވެސް ވަކިބަޔަކު އިސްތިސްނާކުރުމެއްނެތި އެންމެހައި އިންސާނުން އެތަކެތީގެ ފައިދާ ލިބިގަތުމަށްޓަކައި ހައްދަވައިފައިވާ ތަކެއްޗެވެ.
2. ހިންމަތާއެކު މަސައްކަތްކުރުމަކީ އިންސާނާއަށްޓަކައި މިންވަރުކުރައްވައިފައިވާ ކަމެކެވެ. އެހެންކަމުން އަތްފައިން މަސައްކަތްކޮށް ރޯދި ހޯދުމަކީ އިންސާނާގެ މައްޗަށް ލާޒިމުކަމެކެވެ. އޭނާ ހޯދާ ރިޒުގުވާންޖެހޭނީ ހުއްދަ މަސައްކަތްތަކުން ހޯދާ ހަލާލު ރިޒުގުކަމުގައެވެ.
3. މަސައްކަތު ކުރުމުގެ މިނިވަންކަމަކީ އިންސާނާއަށް ލިބޭންޖެހޭ ޙައްޤެކެވެ.
4. މުދާ އުފެއްދުމާއި ބަހައިލެވުމުގެ ހުރިހައި ކަމެއް އޮންނާން ޖެހޭނީ އަދުލުވެރިވުމާއި އިޙްސާންތެރިވުމުގެ އުސޫލުތަކުގެ މަތީގައެވެ.
5. ބަޚީލުކަމާއި އަގުއަރުވަން މުދާ ފޮރުވުމާއި، ޚަޒާނާކުރުމުގެ ޒަރީއާއިން މުދާ ދައުރުވިޔަނުދީ ހުއްޓުން އެރުވުމަކީ ވަރަށް ބޮޑު ޖަރީމާއެކެވެ. ވަރަށް ބޮޑު ފާފައެކެވެ.
6. ފަރުދުންގެ އަސާސީ އިޤްތިސާދީ ހައްޤުތަކަށް އިހްތިރާމްކުރުމަކީ އެންމެހައި އަފްރާދުންގެ މައްޗަށާއި މުޖުތަމަޢުގެ މައްޗައްވެސް ވާޖިބެކެވެ.
7. ޒަކާތާއި، ޚައިރާތާއި، ސަދަޤާތާއި، އިހްސާންތެރިވުމުގެ ޒަރީއާއިން އިންސާނިއްޔަތަށް ލާބައާއި، މަންފާހުރި ކަންކަމުގައި ބައިވެރިވުމަކީ ވާޖިބެކެވެ.
8. ހައިޙޫނުކަމާއި، އުނުފޭރާން ނުލިބުމާއި، ބަލިމަޑުކަމާއި، ވަޒީފާ ނެތުމާއި، މިފަދަ ހުރިހައި ކަމަކުން މީހުން ރައްކާތެރި ކުރުމަކީ މުޖްތަމައުގެ ޒިންމާއެކެވެ.
9. އިޤްތިސާދީ ދިރިއުޅުމުގެ ހުރިހައި ދާއިރާތަކެއްގައިވެސް ތެދުވެރިކަމާއި، އަދުލުވެރިކަމާއި، އިހްސާންތެރިކަން އާއްމުކުރުމަކީ ލާޒިމުކަމެކެވެ.
10. ހުއްދަނޫން މަންފާ ހޯދުމާއި، ގަދަބަދަވިކަން ދެއްކުމާއި އަނިޔާވެރިވުމާއި ރިބާ ކެއުމަކީ ހަރާމް ކަންކަމެވެ.
11. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ މެދުކެނޑުމެއްނެތި ގެންދެވީ ބޭނުންފުޅުތައް ފުއްދެމަށްފަހު އިތުރުވާ އެއްޗެހި މާތްﷲގެ މަގުގައި ހޭދަކުރައްވަމުންނެވެ. އަރަހުށިމާތްﷲ އަންގަވައިފައިވާ އެންގެވުމާ އެއްގޮތަށް އަމަލުކުރައްވަމުންނެވެ. އެހެންކަމުން އެއީ ގަދަވެގެންވާ ސުންނަތެކެވެ. އަދިކިއްތޯއެވެ. މިއީ ކީރިތި ޤުރްއާނުގެ ސަރީހު އަމުރުފުޅެކެވެ. (އަލްބަޤަރާ: 219) އެހެންކަމުން މިއީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެއްވެސް މެއެވެ.
12. އިސްލާމީ މުޖްތަމައުގެ އެކަކުވެސް ހައިހޫނުކަމުގައި ހުއްޓަދީގެންނުވާނެއެވެ. އެހެންކަމުން ތަނަވަސް ކަމެއްނެތް ނިކަމެތީންގެ ފުރާގު އަޅައިނުފައި ހޯދައިދެމުން ގެންދިޔުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއްމަސްއޫލިއްޔަތެވެ. ހަމައެފަދައިން ތިމާގެ އަވަށްޓެރީންކުރެ ހަމައެކަކުވެސް ހައިހޫނުކަމުގައި ނިދިޔަނުދިނުމަކީ އަފުރާދުންގެ ޒިންމާއެކެވެ.
13. ބިމުގައި ލައްވައިފައިވާ މައުދަންތަކާއި ގަސްގަހާގެއްސާއި ފިލާވެއްޔާއި، ހަޔަވާންތަކާއި ހަކަތައިގެ ވަސީލަތްތަކާއި މިފަދަ ހުރިހާ ގުދުރަތީ މުއްސަނދިކަމަކީ މާތްﷲގެ އަމާނަތްތަކެކެވެ. އެތަކެތި ނައްތައިލުމާއި، އެތަކެއްޗަށް ގެއްލުންދިނުމާއި، އެތަކެތީގެ މައްޗަށް އަތްގަދަކޮށް ހަމައެކަނި ތިމާގެ މަންފާއަށްޓަކައި އެތަކެތިބޭނުންކުރުމާއި، އެ އަމާނާތަށް ޚިޔާނަތްތެރިވުމަކީ ފާފައެކެވެ.
14. މުޖުތަމައުގެ އިޤްތިޞާދީ ހަޔާތުގެ ތިލަފަތުގެ ދެކޮޅު އެއްވަރުކޮށް ވަޒަން ހަމަކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ. ވިޔަފާރިއާއި މަސައްކަތްތެރި ކަމުގެ ދާއިރާގައި ތެދުވެރިނުވުމާއި، ޚިޔާނާތާއި އަދި މިނޫންވެސް ގޮތްގޮތުން އެދާއިރާ އަގަޑުބަގަޑުކޮށް ހަމައިން ނައްޓައިލުމަކީ ކީރިތި ޤުރްއާނުގެ އިޞްޠިލާޙުގައި "ފަސާދަކުރުމެވެ". ފަސާދަ ކުރާ މީހާއަކީ ފަރުދަކު ކަމުގައި ވިޔަސް ސަރުކާރުކަމުގައިވިޔަސް އެއީ މުޖްރިމެކެވެ.
15. މުޖްތަމައުގެ އަފުރާދުންގެ އާއްމު ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުދޭނޭގޮތް ރާވައި ހަމަޖެއްސުމަކީ ސަރުކާރެއްގެ އެންމެ މުހިންމު ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
16. ހުއްދަ ހަލާލު ގޮތުގައި އަމިއްލަ މިލްކިއްޔަތު އުފައްދައި އިތުރުކޮށް ގެންގުޅުމަކީ ފަރުދުންގެ ހައްޤެކެވެ. ބޭނުން ތަކަށްވުރެ އިތުރުވާބައި މާތްﷲގެ މަގުގައި ހޭދަކުރުމުގެ ޝަރުޠާއެކުގައެވެ.
17. އާއްމުވެގެންވާ މަންފާއަކަށްޓަކައި ބޭނުންވާ ހިނދު އަދުލުވެރިގޮތުގައި މީހެއްގެ މިލްކެއް ސަރުކާރަށް ހިފެވިދާނެއެވެ. އެފަދަ ހާލަތެއްގައި އެފަދައެއްޗެއްގެ ވެރިޔަކަށް އެކަމަކާ އިންކާރެއްނުކުރެވޭނެއެވެ.
(ނުނިމޭ)