އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދިޔަ އިންޓާނަލް އޮޑިޓުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ކުރިއަށްގެންދިޔަ އޮޑިޓުން ކޮރަޕްޝަނާ ގުޅޭ އަމަލެއްގައި މުވައްޒަފުން ބައިވެރިވެފައިވާކަން ނުދައްކާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި އެކަން ފާހަގަކޮށްފައިމިވަނީ، އެމްއެމްޕީއާރުސީގެ ޗެކްތައް ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުން ދިޔައީ އެމްއެމްޕީއާރުސީގެ ބޯޑުން އެކުލަވާލާފައިވާ ބޯޑް ރިޒޮލިއުޝަނަކާ ހިލާފަށް ކަމަށާއި ބޭންކާ އެ ރިޒޮލިއުޝަން ހިއްސާކޮށްފައި ވަނިކޮށް އެކަން ކުރިގޮތެއް ސާފުކުރުމަށް ބޭންކްގެ ޗެކް ކްލިއަރެންސްގައި މަސައްކަތްކުރާ 38 މުވައްޒަފަކާ ސުވާލުކުރަމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުވައްވިޒު ރަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކަކީ ގާނޫނާއި ގަވައިދުތައް އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ހިންގަމުން އަންނަ ބޭންކެއް ކަމަށާއި ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ މުވައްޒަފުން އަމަލުކުރަމުން އަންނަނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބަލައި ޒިންމާދާރުކުރެވޭނެ އިންތިޒާމްތައްވެސް ގާއިމްކުރެވިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ބޭންކުން ހެދި އިންޓާނަލް އޮޑިޓުގެ އިތުރުން އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށްގެންދިޔަ އޮޑިޓްތަކަށްފަހު ޔަގީންވެފައިވަނީ ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާއްވަތެއްގެ އަމަލެއްގައި ބޭންކުގެ މުވައްޒަފުން ޝާމިލްވާކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. މިއިން އެއްވެސް އޮޑިޓަކުން ބޭންކުން މި މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަކަށް ވެސް ފާހަގަކޮށްފައެއް ނުވެއެވެ..،" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައަކީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަކީ ބޭންކުގެ އުސޫލެއް ނޫން ކަމަށާއި ނަމަވެސް ފުރިހަމަ ނުވާ އެ ތަހުގީގާ ގުޅޭ ގޮތުން އިއްޔެ އާންމުކުރެވިގެން ދިޔަ މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާ ކަމަށް ދޭހަވާގޮތަށް ހާމަކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެކަމުގައި މި ބޭންކުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، އަދި ތަހުގީގު ކުރިއަށް ދަނިކޮށް އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން، އެ ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލްއަގުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި، އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުއާމަލާތްތައް ކުރާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"އެމްއެމްޕީއާރުސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކްތައް އެންޑޯސްކޮށް، އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކަށް ހުށަހެޅުމުންނެވެ. މިގޮތުން މި ޗެކްތައް ޖަމާކުރުމުގައި ބޭންކުން އަމަލުކޮށްފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ (ގާނޫން ނަންބަރު 95/16) ގާނޫނާ އެއްގޮތްވާ ގޮތަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށި ފަހުން ބޭންކަށް އެންޑޯސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކްތަކަށްވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކްތައް ވަކި ތަފާތުކުރުމެއް ނެތިއެވެ. ދިވެހިރާއްޖޭގެ އެހެނިހެން ބޭންކުތަކުންވެސް، އެންޑޯސްކޮށްފައިވާ ޗެކްތައް ޖަމާކުރާ އުސޫލުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށެވެ. މި މައްސަލައާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް 17 ފެބްރުއަރީ 2019 ގައި މިބޭންކުން ވާނީ ނޫސް ބަޔާނެއް ނެރެފައެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގުތަކަށް ކުރިއަށްއޮތްތާނގައިވެސް އެ ބޭންކުގެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި އަދި އެ ބޭންކުން އެދެނީ ވީހާވެސް އަވަހަކަށް ތަހުގީގު ނިންމައި، އެ ބޭންކުގެ ބައިވެރިވުން މި ހިޔާނާތުގައިވާ ކަމަށް ދެކެވޭ ވާހަކައަށް ނިމުމެއް އައުން ކަމަށެވެ.