އެމެރިކާ

ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު ޓްރަމްޕަށް އަރުވައިފި

ދިވެހި ރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު ތިލްމީޒާ ހުސައިން، އޭނާގެ މަގާމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފިއެވެ.

ޓްރަމްޕަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ތިލްމީޒާ ކުރެއްވި ޓުވީޓެއްގައި ވަނީ، އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތު އޮތީ ވައިޓް ހައުސްގައެވެ. ތިލްމީޒާ އަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.

ތިލްމީޒާ މީގެ ކުރީން ވަނީ، ނިއު ޖާޒީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސާ އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާގެ މަގާމު ފުރުއްވައިފަ އެވެ.

ތިލްމީޒާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމަނެންޓް ރެޕްރެޒެންޓޭޓިވް ކަމުގެ މަގާމާއި އެމެރިކާ އާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރު ގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.

ތިލްމީޒާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.