އެމްޑީޕީ

ދިވެހި ރައްޔިތަކަށް ދެންނެވޭ އެންމެ ހޫނު މަރުހަބާ ނަޝީދަށް އަރުވާނަން: އެމްޑީޕީ

1

ދިވެހި ރައްޔިތަކަށް ރާއްޖެއިން ދަންނަވާ އެންމެ ހޫނު މަރުހަބާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ދަންނަވާ މަރުހަބާއަކީ މިހާތަނަށް ރާއްޖެއިން ފަރުދަކަށް ދަންނަވާ އެންމެ ހޫނު މަރުބާއަށް ވެގެންދާނެ ކަމަށެވެ.

ރައީސް ނަޝީދުއަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އިންތިޒާމު ކުރާ އިސް ބޭފުޅެއް ކަމަށްވާ އަންވަރުގެ ވާހަކައިގައި ވިދާޅުވީ ނޮވެންބަރު އެއްވަނަ ދުވަހު ހަވީރު 4:00 ގައި ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާލެ އާއި ހުޅުލޭގެ އިތުރުން، މާލެ އާއި ހުޅުލެއާ ދެމެދު ކަނޑުމަތީގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

އަދި މާލޭގެ އިއްޒުއްދީން ފާލަމަށް ނަޝީދު ފައިބައި ވަޑައިގަންނަވާއިރު، ޗާންދަނީ މަގު ރީފް ސައިޑުން ފެށިގެން ޗާންދަނީ މަގުން ގޮސް، މަޖީދީ މަގުން އިރަށް ގޮސް، އެމްޑީޕީގެ ހަރުގެއާ ހަމައަށް ސަޕޯޓަރުން ތިބޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި އެސަރަހައްދުގައި އެމްޑީޕީގެ 85 ދާއިރާ ތަމްސީލުކުރާ ބޯޑްތައް ހިފައިގެން އެދާއިރާގެ ސަޕޯޓަރުން ވެސް ތިބޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަރަކާތުގެ އިސް މެންބަރެއް ކަމަށްވާ މުހައްމަދު ވިދާޅުވީ ނަޝީދު ރާއްޖެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބާއްވާ ހަރަކާތުގެ ތެރެއިން ނަޝީދުގެ ޚާއްސަ ބަސްދީގަތުމެއް ވެސް ގެނެސްދޭނެ ކަމަށެވެ.

''ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު، ނޮވެންބަރު އެއްވަނަ ދުވަހު 1:30 ގައި ހުޅުލޭ ފަޅުގައި ބޮޑު ދޯންޏެއް ބާއްވާނަން. މޫދުކުޅިވަރުތައް އޮންނާނެ. ބޮޑުބެރުގެ ހަރަކާތްތައް އޮންނާނެ. އަދި ކުޅިބެލުންތެރިން މަރުހަބާ ދަންނަވާނީ މާލެއިން. މިއީ ވަރަށް ހިތްގައިމު ދުވަހަކަށް ވެގެންދާނެ.'' މުހައްމަދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު އަންނަ މަހު ރާއްޖެ އަށް ވަޑައިގަތުމަށް ނިންމަވައިފައި ވާއިރު، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ ގުޅިގެން އިސްތިއުނާފީ މަރުހަލާތަކުން ނިންމެވި ނިންމެވުންތައް އަލުން މުރާޖައާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟