އެމްޑީޕީ

އެމްޑީޕީ ޕީޖީ ލީޑަރަކަށް އަލީ އާޒިމް، ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް އިލްޔާސް ލަބީބާއި އަނދުން ހުސައިން

ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިމަތިލެއްވި އިރު، ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އިރު، ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ދެ ބޭފުޅަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން އަމީން އާންމު އާންމާއި އަމީން އާންމުގެ ނައިބާއި ޗީފް ވިޕެއްގެ އިތުރުން ވިޕުންގެ ގޮތުގައި ހަ ބޭފުޅަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ.

މިއަދު ހަވީރު 4:00ގައި ޕާލަމަންޓަރީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެފައިވާ އިރު، ވިޕުންގެ މަގާމުތައް ފިޔަވައި ދެން ހުރި މަގާމުތަކަށް ކުރިމަތިލާފައިވަނީ އިންތިހާބުކުރުމަށް ކަނޑައަޅާފައިވާ އަދަދަށެވެ. އެހެންކަމުން އެ މަގާމުތައް މެމްބަރުން އިންތިހާބުކުރަން ޖެހޭނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ވިޕުންގެ ގޮތުގައި ހަ ބޭފުޅަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވާ އިރު، އެ މަގާމުތަކަށް ކުރިމަތިލާފައިވަނީ ހަތް ބޭފުޅެކެވެ.

އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުގެ އަމީން އާންމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކުރިމަތިލައްވާފައިވާ އިރު، އަމީން އާންމުގެ ނައިބުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީއެވެ. އަދި ޗީފް ވިޕަކަށް ކުރިމަތިލެއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

ވިޕުންގެ މަގާމުތަކަށް ކުރިމަތިލައްވާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްއާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް އަދި ތިނަދޫ ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއެވެ.

އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން ހޮވުމަށް ކުރިއަށްގެންދާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށެވެ.