ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދުމަށް ބޭންކަކުން ނުގުޅާނެ ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވުމަށް ބޭން އޮފް މޯލްޑިވްސް، ބީއެމްއެލް އިން އިލްތިމާސްކޮށްފިއެވެ.
ބީއެމްއެލްގެ ނަމުގައި ކަސްޓަމަރުންނަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް މަސައްކަތް ކުރާ ކަމުގެ ރިޕޯޓު އެ ބޭންކަށް ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ. މި ފަދަ ރިޕޯޓުތައް އެ ބޭންކަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށާއި، ނަމަވެސް އެއްވެސް ހާލަތެއްގައި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށް ބޭންކުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި ފޯނުން ގުޅައިގެން، އެސްއެމްއެސް މެދުވެރިކޮށް އަދި މެއިލް މެދުވެރިކޮށްވެސް ބޭންކުގެ ނަމުގައި ބަޔަކު ދަނީ އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދިން ގޮތުގައި އެ ބޭންކުން ގުޅާނަމަ މޯބައިލް ނަންބަރަކުން ނުގުޅާނެއެވެ. އަދި ބީއެމްއެލް އިން އެސްއެމްއެސް މެދުވެރިކޮށް އެކައުންޓު އަދި ކާޑުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ނުކުރާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ''ބީއެމްއެލް'' ގެ ނަމުގައި އެކައުންޓު އަދި ކާޑުގެ މައުލޫމާތު ހޯދުމަށް މެސެޖު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް ބީއެމްއެލް އިން ވަނީ އެދެފައެވެ.
ގުޅައިގެން އަދި މެސެޖުކުރުމުގެ އިތުރުން ބީއެމްއެލްގެ ނަމުގައި މެއިލް ފޮނުވައިގެން އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ބައެއް މީހުން މަސައްކަތް ކުރާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ފަދަ މެއިލްތަކުގައިވާ އާންމުކޮށް ނުފެންނަ ބާވަތެއްގެ އެޓޭޗްމަންޓް ނުހުޅުވުމަށާއި ބީއެމްއެލް އިންޓަނެޓް ބޭންކިންގ ގެ ޔޫސަނޭމް، ޕާސްވޯޑު އަދި ކާޑު ނަމްބަރު ވެސް ބީއެމްއެލް އިން ނުހޯދާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ފަދަ މެސެޖެއް، ފޯނު ކޯލެއް ނުވަތަ އީމެއިލެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް ފޭސްބުކް ނުވަތަ ޓުވިޓަ މެދުވެރިކޮށް ނުވަތަ ބީއެމްއެލްގެ ނަންބަރު 3330200އަށް ގުޅައި އެކަން އެންގުމަށް ބޭންކުން އިލްތިމާސް ކުރެ އެވެ.