އަހުމަދު ފާއިޒު ހުސައިން

ފާއިޒު ދެކޭގޮތުގައިި ގާނޫނު އަސާސީ ބުނަނީ ނޮވެމްބަރު 11 ގައި ހުވާކުރަން

މުހައްމަދު އައުޒަމް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރަންޖެހޭކަން ގާނޫނު އަސާސީގެ 301 ވަނަ މާއްދާ އިން އެނގޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި މިރޭ ލިޔުއްވި ސްޓޭޓަސްއެއްގައި ފާއިޒު ވިދާޅުވީ ގާނޫނު އަސާސީގެ 301 ވަނަ މާއްދާ އިން ތިން ކަމެއް ހާސިލުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ފުރަތަމަ ކަމަކީ ރިޔާސީ ދައުރު ނިމުމުގެ ކުރިން އިންތިޚާބު ބާއްވަންޖެހޭ ކަމެވެ. ދެވަނަ ކަމަކީ 11 ނޮވެމްބަރުގައި ރިޔާސީ ދައުރު ނިމޭކަމެވެ. އަދި ތިން ވަނަ ކަމަކީ 11 ނޮވެމްބަރުގައި މުންތަޚާބު ރައީސް ހުވާކުރަންޖެހޭ ކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިޒު ވިދާޅުވިގޮތުގައި ގާނޫނު އަސާސީގެ 301 ވަނަ މާއްދާ އާއި 107 ވަނަ މާއްދާ ގުޅުވާލުމުން ދޭހަވަނީ ކޮންމެ ފަސް އަހަރަކުން ރިޔާސީ ދައުރު ފެށޭނީ 11 ނޮބެމްބަރުގައި ކަމެވެ. އަދި ކޮންމެ ފަސް އަހަރަކުން ރިޔާސީ ދައުރު ނިމޭނީ ނޮމެމްބަރުގައި ކަން އެ ދެ މާއްދާ ގުޅުވާލުމުން ދޭހަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޚާބީ ރައީސާ މަގާމު ހަވާލުކުރުމަކީ ރައްޔިތުންގެ މަޖިލީހާ ގާނޫނުން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހުވާކުރާ ދުވަސް މަޖިލީހަށް ކަނޑަނޭޅިއްޖެނަމަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދިދާނެ ކަމަށް ވެސް ފާއިޒު ވިދާޅުވިއެވެ.

ރިޔާސީ ދައުރު ފެށޭ ތާރީޚާ މެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން ދަނީ ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2013 ގައި ކަމަށްވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރާ ދުވަސް ކަނޑައެޅުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.