ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްގެ މައްޗަށް ހޯދި ހަނި މޮޅާއެކު މާޒިޔާއިން ތާވަލުގެ ދެވަނައަށް އަރައިފިއެވެ.
ރޭގެ މެޗަށް މި ދެޓީމު ނިކުތްއިރު މާޒިޔާއޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި އީގަލްސް އޮތީ 23 ޕޮއިންޓާއެކު ދެވަނައިގައެވެ. ނަމަވެސް، ރޭގެ މެޗުން ހޯދި މޮޅާއެކު މާޒިޔާވަނީ 25 ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި ޓީސީ ސްޕޯޓްސް އޮތީ 30 ޕޮއިންޓާއެކުއެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް، ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވެ މެޗު ނިމެން ދަނިކޮށް މާޒިޔާގެ އަޙްމަދު އިމާޒް (އާއްކޮ) ވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށް މާޒިޔާއަށް ތިން ޕޮއިންޓު ހޯދައިދީފައެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހުރަސްކުރި ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ވަނީ ގޯލުގެ އަރިމަތީ ދަނޑީގަވެސް ޖެހިފައެވެ.
ރޭގެ މެޗަށްފަހު މާޒިޔާގެ ކޯޗު އިސްލާއީލް މަހްފޫޒް (އިންމަ) ބުނީ، މެޗަށް ޓީމު ނިކުތުމުގެ ކުރިންވެސް މެޗުގެ މުޙިއްމު ވާހަކަ ކުޅުންތެރިންނަށް ހަނދާންކޮށްދިން ކަމަށާއި، ޖުމްލަކޮށް ކުޅުމާއި ނަތީޖާ އާއިމެދު ހިތްހަމަޖެހޭކަމަށެވެ. އަދި ކްލަބުގެ އަމާޒަކީ ލީގު ޗެމްޕިއަންކަން ހޯދުން ކަމަށެވެ.
އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ، މި މެޗުން ބަލިވިޔަސް އެއީ ނެގެޓިވްކޮށް ވިސްނަންވީ ކަމެއް ނޫންކަމަށާއި، ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެވޭތީ ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރާނެ ރަނގަޅު ކުޅުންތެރިން ނެތުމުން އުނދަގޫވި ކަމަށާއި، މާޒިޔާއިން ދެއްކި ކުޅުމަށް ތަޢުރީފް ހައްޤުވާކަމަށެވެ.