ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ހިމްނާއަށް، ތަމްރީނުތައް ޖެމެއިކާގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ހުޅުވާލި ސްޕޯޓްސް ސްކޮލަޝިޕް ފުރުސަތު ގައުމީ އެތުލެޓިކްސް ޓީމުގެ ތަރި، އައިޝަތު ހިމްނާ ހަަސަނަށް ލިބިއްޖެއެވެ.

ކުޅިވަރު އެތުލީޓުންނަށް ހައި ޕާފޯމަންސް ތަމްރީނު ދިނުމުގެ މަގުސަތުގައި ބީއެމްއެލުން ހުޅުވާލާ ސްކޮލާޝިޕް ފުރުސަތަށް ކުރިމަތިލުމަށް އެސޯސިއޭޝަންތަކަށް ފުރުސަތު ދީފައިވެއެވެ. އެ ސްކޮލާޝިޕަށް އެމްއޯސީ މެދުވެރިވެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެސޯސިއޭޝަންތަކުގެ ހުށަހެޅި ނަންތައް އެވަލުއޭޓް ކުރީވެސް އެމްއޯސީންނެވެ.

ހިމްނާ ޒުވާން އުމުރުގައިވެސް އެތުލެޓިކްސްގައި ތަފާތު ދައްކާފައިވާ އިރު، އެންމެ ބޮޑު ކާމިޔާބީއެއް އޭނާ ހޯދީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް، ހިމްނާ ވަނީ 21 އަހަރުވީ ރާއްޖޭގެ އަންހެން 100 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލައިފައެވެ. އެއީ ކުރިން ސަމްހާ އަހުމަދު އަތުގައި އޮތް ރެކޯޑެކެވެ.

އޭގެ އިތުރުން ހިމްނާ ވަނީ ގައުމީ އެތުލެޓިކްސް ޗެމްޕިއަންކަންވެސް އެފަހަރު ހޯދައިފައެވެ. ހިމްނާ މިފަހަރު ސްކޮލާޝިޕްގައި އެއް އަހަރު ދުވަސް ވަންދެން ތަމްރީނުތައް ފުރިހަމަ ކުރާނެއެވެ. އެ ތަމްރީނުތައް ފުރިހަމަކުރާނީ ދުވުމަށް އެންމެ ކާމިޔާބު ގައުމު ކަމަށްވާ ޖެމެއިކާގެ ސްޕްރިންޓެކް ކްލަބުގައެވެ.

ހިމްނާ މީގެ ކުރިންވެސް ބައިނަލްއަގުވާމީ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ އިރު، ހިމްނާގެ އެ ރެކޯޑު މިއަހަރު މުގުރާލީ މަރިޔަމް ރޫޔާ އަލީއެވެ.

ބީއެމްއެލުން 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް، މިދިޔަ އަހަރުވެސް އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސް ހިމެނޭ ގޮތަށް ހަތް އެތުލީޓަކަށް ސްކޮލަޝިޕް ފުރުސަތު ދީފައިވެއެވެ.