ޓްރާންސްފާ މާކެޓް

ހިލޭ ޓްރާންސްފާއެއްގައި ޖޮނަތަން ޓާ ގެންދަން ބާސާއިން މަޝްވަރާ ކުރަނީ

އަންނަ ސީޒަނަށް ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ގެންދަން ބާސެލޯނާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

ބާސާއަށް އަދިވެސް ފައިސާގެ އުނދަގޫ ހާލަތެއް ދިމާވެފައި އޮތް އިރު، އެޓީމަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް މި ސީޒަނުގައިވެސް އުނދަގޫތަކެއް ދިމާވިއެވެ. އެހެންކަމުން ބޮޑަށް ހިލޭ ޓްރާންސްފާތަކުގައި ކުޅުންތެރިން ގެންދަން ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، އިތުބާރު ނޫސްތަކުން ބުނީ ބަޔާން ލެވަކޫސަންއަށް ކުޅެމުން އަންނަ ޑިފެންޑަރު ޓާ ގެންދަން ބާސާއިން ގާތްގަނޑަކަށް އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށެވެ.

ޖަރުމަނު ގައުމީ ޓީމުގެވެސް ޑިފެންޑަރު ޓާ، ލެވަކޫސަންއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، ބާސާއިން އޭނާއާ މަޝްވަރާ ކުރަމުން އަންނަނީ އެއްބަސްވުން ހަމަވާތީ ލިބޭ ހުއްދައާއެކުގައެވެ. ޓާ ލެވަކޫސަން ދޫކޮށްލަން ނިންމައިގެން ހުރި އިރު، އޭނާއާ މަޝްވަރާ ކުރަމުން އަންނަނީ ބާސާގެ ކޯޗު ހާންސީ ފްލިކް އިސްވެގެން ކަމަށްވެސް ނޫސްތައް ބުނެއެވެ.

ފްލިކް މީގެ ކުރިން ޖަރުމަނު ގައުމީ ޓީމުގައި ޓާއަށް އިރުޝާދު ދީފައިވާ އިރު، އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯއަށްވެސް ޓާ ކަމުދާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ބާސާއިން ޓާއަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެއީ އެއްބަސްވުން އިތުރަށް އެއް އަހަރަށް ދަންމައިލެވޭނެ ގޮތަކަށް ހުށަހަޅާފައިވާ އެއްބަސްވުމެކެވެ. ޓާއަށް ބާސާއިން ދޭ ސޮއިކުރުމުގެ ބޯނަސް ދޭން ނިންމާފައި ވަނީ އެއްބަސްވުމުގެ މުއްދަތަށް ބަހާލައިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ.

ޖަރުމަނަށް މުހިއްމު ޑިފެންޑަރު ޓާގެ އެއްބަސްވުން ހަމަވާން ދިޔުމާއެކު އޭނާއަށް އިތުރު ބައެއް ކްލަބުތަކުންވެސް ދަނީ ފާރަލަމުންނެވެ. އެ ކްލަބުތަކުގެ ތެރޭގައި ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކްވެސް ހިމެނެއެވެ.