ލޮސް އެންޖަލަސް ލޭކާސްގެ ބާސްކެޓް ތަރި ލެބްރޯން ޖޭމްސް، އެންބީއޭގެ އެއް ސީޒަނެއްގައި އެންމެ ގިނަ މިނެޓު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފިއެވެ.
ލެބްރޯން މުގުރާލި ރެކޯޑަކީ މީގެ 35 އަހަރު ކުރިން ކަރީމް އަބްދުލް-ޖަބާރު ހަދާފައިވާ ރެކޯޑެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލެބްރޯންގެ ލޭކާސްއިން ސަކްރަމެންޓޯ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗާއެކު މި ސީޒަނުގައި އޭނާ ވަނީ 57،447 މިނެޓް ހަމަކޮށްފައެވެ.
މީގެ ކުރިން ހަފަހަރު އެންބީއޭ ޗެމްޕިއަންކަން ހޯދައި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އަބްދުލް-ޖަބާރު ވަނީ 1989 ވަނަ އަހަރު ސީޒަނުގައި 57،446 މިނެޓް ކުޅެފައެވެ. އެއީ އޭނާގެ އެންމެ ފަހު ސީޒަނެވެ.
މި މަސް ތެރޭގައި 40 އަހަރުފުރޭ ލެބްރޯން އަބްދުލް-ޖަބާރުގެ ރެކޯޑު މުގުރާލީ ސަކްރަމެންޓޯއާ ދެކޮޅަށް ކުޅުނު މެޗު ނިމެން 10 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. އެ މެޗުން ލޭކާސް މޮޅުވީ 113-100 އިންނެވެ. ސަކްރަމެންޓޯއަކީ 2003 ވަނަ އަހަރު އެންބީއޭ ސީޒަނުގައި ލެބްރޯން ޖޭމްސް ފުރުތަމަ ކުޅުނު މެޗުގައިވެސް ވާދަކުރި ޓީމެވެ. އޭނާ ކެރިއަރު ފެށީ ކްލިވްލެންޑް ކަވަލިއާސްއާ އެކުގައެވެ.
މިދިޔަ އަހަރުގައި ލެބްރޯން ވަނީ އަބްދުލް-ޖަބާރު އަތުން އެންބީއޭގެ އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑުވެސް އަތުލައިފައެވެ. މިހާރު ޖޭމްސް ވަނީ އެ ރެކޯޑު 41،000 ޕޮއިންޓަށް ފުޅާކޮށްފައެވެ.