އެމްޑީޕީ

އަސްލަމްގެ ނަންބަރުން މެސެޖުތަކެއް: އަޅުގަނޑު ކުރިމަތި ނުލާން ނިންމައިފިން، އަފީފަށް ތާއީދުކުރަން

ރައީސް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެން، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިނުލައްވަން ނިންމަވައިފި ކަމަށް ބުނެ އޭނާގެ ނަންބަރުން ފޮނުވާފައިވާ މެސެޖުތަކެއް ދައުރުވާން ފަށައިފި އެވެ.

މި މެސެޖު ވަނީ "ވަން އޮންލައިން"ގެ ބައެއް ނޫސްވެރީންގެ ފޯނަށް ވެސް ލިބިފަ އެވެ.

"ރައީސް ނަޝީދުގެ އެދުމުގެ މަތީން އަޅުގަނޑު 19 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް ކުރިމަތި ނުލާން ނިންމައިފިން. އެމަނިކުފާނުގެ އެދުމުގެ މަތީން އަފީފަށް ތާއީދުކުރަން." އަސްލަމްގެ މޯބައިލް ނަންބަރުން "ވަން އޮންލައިން"ގެ ނޫސްވެރީންނަށް ލިބިފައިވާ މެސެޖުގައިވެ އެވެ.

މި މެސެޖާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ސުވާލު ދެންނެވުމުން އަސްލަމް ދާދި ދެންމެ ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް މެސެޖެއް ކަމަށެވެ. މަޖިލިސް ރައީސްކަން ފަދަ މަގާމުތަކަށް ކުރިމަތިލައްވަން އުޅުއްވާ އިރު އެފަދަ ހުރިހާ ކަމެއް ވެސް ހިނގާނެ ކަމަށާއި އެއީ ސިޔާސީ ވެށީގައި ކަން ހިނގާ ގޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ތިފަދަ މެސެޖެއް ނުކުރަން. އަޅުގަނޑު ކުރިމަތިލާން ނިންމި ނިންމުމަށް ބަދަލެއް ވެސް ނުގެންނަން. ސިިޔާސީ ބޮޑެތި ކަންކަން ހިނގާ އިރު ތިފަދަ ކަންކަން ހިންގާ މީހުން ވެސް އުޅޭނެ ދެއްތޯ..." އަސްލަމް ވިދާޅުވި އެވެ.