ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ބީއެމްއެލްއިން އެމްއޯސީއާ ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ. ބީއެމްއެލްގެ ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށް އެ ބެންކުން ބުނެފައިވެއެވެ.
ބީއޭއެމްގެ ސްޕޯޓްސް ސްކޮލާޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީންނެވެ. އެމްއޯސީން ސްކޮލާޝިޕަށް ކުޅުންތެރިން ހޮވާނީ މެމްބަރު އެސޯސިއޭޝަންތަކުން ނޮމިނޭޓް ކުރާ އެތުލީޓުން ރިވިއު ކުރުމަށްފަހުއެވެ. ސްކޮލާޝިޕްގެ ދަށުން ތަމްރީނު ހަދާ އެތުލީޓުންނަށް، ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލްއިން މީގެ ކުރިން ހުޅުވާލި ފުރަތަމަ ސްކޮލާޝިޕް ފުރުސަތުގައި ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. ބީއެމްއެލްއިން ބުނީ ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގައި ސްޕޯޓްސް ސްކޮލާޝިޕަކީ މުހިއްމު ފިޔަވަޅެއް ކަމަށެވެ.