ރަސްމީ ޗުއްޓީއެއްގައި ހުންނެވި ބޭންކް އޮފް މޯލްޑިވްސް ގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ ރާއްޖޭން ބޭރުގައި ހުންނަވައި، އެހެން ވަޒީފާ އަކަށް ދާން ނިންމަވައިފިކަން ހާމަވެއްޖެ އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެންޑްރޫ ރަސްމީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރުއްވީ މިދިޔަ ހަފުތާގަ އެވެ. އަދި ކުރީން ހަމަޖެހިފައި އޮތް ގޮތުން ނަމަ އޭނާ އަންނަ ހަފުތާގައި ރާއްޖެ އެނބުރި ވަޑައިގަންނަވާނެ އެވެ.
އެންޑްރޫ އެހެން ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމެވިކަން އެނގިފައި މި ވަނީ އޭނާ އަލަށް ވަޒީފާ އަށް ނިކުންނަވާ ފައިނޭންޝިއަލް އިންސްޓިޓިއުޓް ގެ ފަރާތުން އެކަން އިއުލާނު ކުރުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ޔޫކޭގެ ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށްވާ، "ލީކް ޔުނައިޓެޑް" ގެ ފަރާތުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ އިންސްޓިޓިއުޓްގެ ސީއީއޯ ކަމާ އެންޑްރޫ އަންނަ ޑިސެމްބަރު މަހުން ފެށިގެން ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ޗުއްޓީއެއްގައި ހުންނަވައިގެން އެންޑްރޫ އެހެން ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމެވި އިރު، ބީއެމްއެލްގެ ބޯޑަށް ވެސް ކުރީން އެކަން އަންގަވައިފައި ނުވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި އޭނާގެ ބައެއް ތަކެތި ވެސް ރާއްޖޭގައި އެބަހުރި ކަމަށްވެ އެވެ.
އެންޑްރޫ އެހެން ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމަވައިފައިވާ އިރު ބީއެމްއެލްގެ ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ބައްދަލުވުމަކީ އެންޑްރޫގެ މައްސަލައިގައި ބާއްވާ ބައްދަލުވުމެއް ކަމެއް ނޭނގެ އެވެ.
އެންޑްރޫ ގެ މި ޚަބަރާ ގުޅޭ ގޮތުން ބީއެމްްއެލްގެ ޗެއާޕާސަން ސައީދާ އުމަރަށް ވަން އޮންލައިންގެ ފަރާތުން ގުޅައިލުމުން ވިދާޅުވީ އެ މައްސަލައިގައި ބޯޑުގެ ފަރާތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށާއި މީޑިއާ އާ ބެހޭ ބޭޅުންނަށް ގުޅުމަށެވެ. މީޑިއާ އާ ގުޅޭ ބޭފުޅުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.