ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތަށި ލ. ގަމަށް ނިސްބަތްވާ އައިޝަތު މާޖިދާ (މާޖީ) އާއި ހައްވާ ރާޝިދާ (ހައްވަ)ގެ ޕެއާއިން ހޯދައިފިއެވެ.
މިއަހަރުގެ ބީޗްވޮލީ މުބާރާތް ހުޅުމާލޭ ކޯޓުގައި ރޭ ނިމިގެން ދިޔަ އިރު، މުބާރާތުގެ ކޮލިފިކޭޝަން ބުރު ފެށީ މިމަހުގެ 21 ގައެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްގެންދިޔަ އެ ބުރު ނިންމައި، ލީގު ބުރު 22 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފައިވާ އިރު، ސެމީއަށް ދިޔައީ ރޮބިން ރައުންޑް އުސޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޕެއާއެވެ.
ފުރަތަމަ ސެމީގައި ހައްވާ ނާޒިމާއާއި ފާތިމަތި ސަމްހާގެ ޕެއާއާ ދެކޮޅަށް ނުކުމެ، ފާތިމަތު ޒީނިއާ އާއި އައިމިނަތު އަރީޝާ (އަރީ) 2-0 ސެޓުން މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އިރު، މާޖީއާއި ހައްވަ ފައިނަލަށް ދިޔައީ ސެމީގައި ފާތިމަތު އަނާލާއި އަލްޔާ އަހުމަދުގެ ޕެއާ 2-0 ސެޓުން ބަލިކޮށްފައެވެ.
ފައިނަލުގައި ހައްވައާއި މާޖިދާގެ ޕެއާ 2-1 ސެޓުން ޒީނިއާއާއި އަރީޝާގެ ޕެއާ ބަލިކުރި އިރު، ފުރަތަމަ ސެޓު ގެންދިޔައީ އަރީޝާއާއި ޒީނިއާގެ ޕެއާއެވެ. އެއީ 21-18 ގެ ސްކޯއަކުންނެވެ. ދެން ޖެހިގެން އައި ސެޓު މާޖީއާއި ހައްވަގެ ޕެއާ 21-17 އިން ގެންގޮސް، ޓައި ބްރޭކް ސެޓަކަށް މެޗު ގޮސް، ޓައި ބްރޭކް ސެޓުން މާޖީއާއި ހައްވަގެ ޕެއާ ގެންދިޔައީ 15-12 ގެ ނަތީޖާއަކުންނެވެ.