ވޮލީބޯޅަ އެސޯސިއޭޝަން

ކައުންސިލްތަކަށް ހުޅުވާލައިގެން ބީޗް ވޮލީ ލީގެއް ބާއްވަނީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބީޗް ވޮލީ ލީގެއް ބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިއުލާނުކޮށްފިއެވެ.

ރާއްޖެ ބީޗް ވޮލީ ލީގުގެ ނަމުގައި ވީއޭއެމްއިން އިއުލާނު ކުރި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޓީމުތައް ބައިވެރިކުރަން ހަމަޖެހިފައިވެއެވެ. މުބާރާތް އޭޕްރީލް މަހުގެ ދެވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، މުބާރާތް ބާއްވަން ނިންމާފައި ވަނީ މާލޭ އާޓިފިޝަލް ބީޗުގެ ބީޗް ވޮލީ ކޯޓުގައެވެ.

ވީއޭއެމްއިން ގެޒެޓު ކޮށްފައިވާ މުބާރާތުގެ ހިންގާ ގަވާއިދުގައިވާ ގޮތުން މުބާރާތް ހުޅުވާލާފައި ވަނީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. ކޮންމެ ކައުންސިލަކުން ވެސް އަންހެން އެއް ޓީމު އަދި ފިރިހެން އެއް ޓީމު ބައިވެރިކުރުމަށް ފުރުސަތު ދޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ޓީމެއްގައި ހަތަރު ކުޅުންތެރިންނާއި ކޯޗެއްގެ އިތުރުން މެނޭޖަރަކު ހިމެނޭ ގޮތަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 23 މާޗު ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިއެވެ. ޓީމު ލިސްޓް ވެސް އެ ތާރީހަށް ހުށަހަޅަން ވީއޭއެމްއިން ވަނީ އެދިފައެވެ.

މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ވެސް ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މިއީ ރާއްޖޭގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ވީއޭއެމްއިން ބާއްވަން އިއުލާނު ކުރި ފުރަތަމަ މުބާރާތެވެ. މީގެ ކުރިން އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތައް ހުޅުވާލާފައި ވަނީ ކްލަބުތަކަށެވެ.