ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ ފިރިހެން ބީޗްވޮލީ ޗެމްޕިއަންޝިޕް 2024 ގެ ޗެމްޕިއަން ރާއްޖޭގެ އެއްވަނަ ބީޗްވޮލީ ޕެއާ ކަމަށް އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ)އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ހޯދައިފިއެވެ.
މިއަހަރު މުބާރާތުގެ ސެމީ ފައިނަލް ދެމެޗު އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވާ އިރު، ފައިނަލާއީ ލޯ މެޑަލް މެޗު ކުޅެފައި ވަނީ ހޯމަ ދުވަހުގެ ރޭގައެވެ. ސެމީ ފައިނަލުގައި ކުޑަ ކާއްޓެއާއި އެޑަމް ނުކުތީ ނިހާދާއި ޔޫސުފްގެ ޕެއާއާ ދެކޮޅަށެވެ. އެމެޗު 2-0 ސެޓުން ގެންގޮސް ކުޑަ ކާއްޓެއާއި އެޑަމް ފައިނަލަށް ދިޔަ އިރު، ދެން ފައިނަލުގައި ވާދަކުރީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާއެވެ.
ޑެންޒޯއާއި ކޯކޭ ފައިނަލަށް ދިޔައީ ސެމީގައި އަދުނާނާއި ޝިމާލްގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
ފައިނަލުގައި ކުޑަ ކާއްޓެއާއި އެޑަމްގެ ޕެއާއިން ޑެންޒޯއާއި ކޯކޭ ބަލިކުރީ 2-1 ސެޓުންނެވެ.
ފުރަތަމަ ސެޓު ޑެންޒޯއާއި ކޯކޭގެ ޕެއާއިނ 23-21 އިން ގެންގޮސްފައިވާ އިރު، އެޑަމްއާއި ކުޑަ ކާއްޓެ މެޗު އަނބުރާލީ ދެން ޖެހިގެން އައި ސެޓު 21-14 އިން ގެންގޮސް، ޓައި ބްރޭކް ސެޓު، 15-11 އިން ކާމިޔާބު ކޮށްގެންނެވެ.
ތިންވަނަ ހޮވި މެޗުގައި އަދްނާނާއި ޝިމާލްގެ ޕެއާއިން ނިހާދާއި ޔޫސުފްގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-7 އަދި 21-14 އިންނެވެ.