ކާވާ ބީޗްވޮލީ ޗެލެންޖު ކަޕްގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރަން މެޑަލް ދިފާއުކޮށްފިއެވެ.
ބޫޓާންގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ކާވާ ބީޗްވޮލީ ޗެލެންޖު ކަޕްގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ރަން މެޑަލް ހޯދީ ފައިނަލުގައި ނޭޕާލުގެ އެއްވަނަ ޕެއާ ބަލިކޮށްގެންނެވެ. މީގެ ކުރިން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ރަން މެޑަލް ހޯދީ ބަންގުލަދޭޝްގައި 2022 ވަނަ އަހަރު ބޭއްވި ކާވާ ބީޗްވޮލީ މުބާރާތުންނެވެ.
މިއަދުގެ ފައިނަލުގައި ނޭޕާލުގެ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާގެ މައްޗަށް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން 21-19 އިން ފުރަތަމަ ސެޓު ގެންދިޔަ އިރު، ދެވަނަ ސެޓު ގެންދިޔައީ 21-17 އިންނެވެ.
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ތަޖިކިސްތާނުގެ އިސްމައިލޯވާއި ރައިމް ބަލިކޮށްގެންނެވެ. އެ މެޗުން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 17-21 އިން ކުޑަކާއްޓޭ އާއި އެޑަމް ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު 21-19 އިން ތަޖިކިސްތާން ޕެއާ ގެންގޮސް ނަތީޖާ ހަމަހަމަކުރިއެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ފަހު ސެޓު 10-15 އިން ގެންގޮސްގެންނެވެ.
ސެމީގައި ރާއްޖޭގެ ޖުމުލަ ތިން ޕެއާއެއް ވާދަކުރިއެވެ. ފިރިހެނުންގެ އަނެއް ސެމީގައި ނޭޕާލްގެ ޝްރެސްތާއާއި ސުނާރުގެ ޕެއާ އަތުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ވަނީ ބަލިވެފައެވެ. އަދި އަންހެނުންގެ ސެމީގައި އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާގެ ޕެއާ ބަލިވީ އުޒްބެކިސްތާނުގެ ޖަލޮލޯވާއާއި އޮލިމޯވާގެ ޕެއާ އަތުންނެވެ. ސެމީގައި ބަލިވި ފިރިހެން އަދި އަންހެން ޕެއާ އިން ލޯ މެޑަލްގެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
ރާއްޖޭގެ ޕެއާތައް ވާދަކުރީ ކާވާ ބީޗްވޮލީ ބޯޅައިގެ ބީ ކެޓަގަރީގެ މުބާރާތުގައެވެ. މުބާރާތުގައި ވާދަކުރީ ރާއްޖެއާއި ނޭޕާލްގެ އިތުރުން އުޒުބަކިސްތާން އަދި ބޫޓާންގެ ޕެއާތަކެވެ.