ބެޑްމިންޓަން

ޒަޔާން، ބޮޓްސްވާނާ މުބާރާތުގެ ގަދަ 16 އަށް

އިއްޔެ ފެށި ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ސިންގަލްސް ގަދަ 16 ގެ ބުރަށް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުގެ ޒަޔާން ޒަކީ ދަތުރު ކޮށްފިއެވެ.

ރިވައިވަލްއިން ބޮޓްސްވާނާ މުބާރާތުގައިވެސް ވާދަކުރަމުންދަނީ ދާދިފަހުން ޒެމްބިއާ މުބާރާތުގައިވެސް ވާދަކުރި ކުޅުންތެރިންނެވެ. އެއީ ޒަޔާނާއި ނިބާލް އަހުމަދުގެ އިތުރުން ރާއްޖޭގެ އަންހެން އެއް ނަމްބަރު ޕެއާ ކަމަށް ފާތިމަތު ނަބާހާއާއި އައިމިނަތު ނަބީހާއެވެ.

ޒެމްބިއާ މުބާރާތުން ޖުމުލަ ތިން މެޑަލް ރިވައިވަލްއިން ހޯދި އިރު، ނަބާހާއާއި ނަބީހާގެ ޕެއާއިން ވަނީ ރަން މެޑަލްވެސް ހޯދައިފައެވެ.

ބޮޓްސްވާނާގެ މުބާރާތުގައިވެސް ރިވައިވަލްގެ ކުޅުންތެރިން ރަނގަޅު ހިސާބެއްގައި ރޭންކް ކޮށްފައިވާ އިރު، ޒަޔާން ފިިރިހެން ސިންގަލްސް އިވެންޓްގެ ގަދަ 16 އަށް ދިޔައީ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ޒިމްބާބްވޭގެ ޓްރިނިޓީ ޗިޕުމްހޯ 21-15، 21-05 އިން ބަލިކޮށްގެންނެވެ.

ފިރިހެން ސިންގަލްސްގެ ގަދަ 16ގެ ބުރުގައި ނިބާލްވެސް ވާދަކުރާ އިރު، އޭނާ ނުކުންނާނީ ބޮޓްސްވާނާގެ ޓުމެލޯ މޮއިލްވާއާ ދެކޮޅަށެވެ. އަންހެން ގަދަ 16 ގެ ބުރުގައި ނަބާހާ ނުކުންނާނީ ޒެމްބިއާގެ ގެނޭވާ ސިއަމޫޕަންގްލާއާ ދެކޮޅަށެވެ. އަންހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުގައި ނަބީހާވެސް ކުޅެން އޮތް އިރު، އޭނާ ނުކުންނަން ޖެހޭނީ ޒެމްބިއާގެ ޓުކޫޒާ އެމްބެވޭއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސްގައި ރާއްޖޭގެ ނަބާއާއި ނަބީ ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލުން ފެށިގެންނެވެ. އެއީ ޒެމްބިއާގެ މެރީ ޗިލާންބެއާއި އެވެލީން ސިއަމުޕަންގީލާއާ ދެކޮޅަށެވެ. ރާއްޖޭގެ މިކްސް ޑަބަލްސް ދެޕެއާގެ ތެރެއިން ޒަޔާނާއި ނަބާހާގެ ޕެއާއިންވެސް ފަށާނީ ކުއާޓާއިންނެވެ. އެއީ ޔުގާންޑާގެ މުޒައްފަރު ލުބެގޭއާއި ވެރޯނާ ސަޑަޓް ރަޒަވިޕޫރާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ނިބާލާއި ނަބީހާގެ މިކްސް ޑަބަލްސް ގަދަ 16 ގައި ކުޅެން ޖެހޭ އިރު، އެޕެއާއިން ނުކުންނަން ޖެހޭނީ ޒެމްބިއާގެ ޕީޓާ ޕޯހޯ އަދި ޓުކޫޒާގެ ޕެއާއާ ދެކޮޅަށެވެ.